ކުޅުދުއްފުށީ ސިޓީގެ ގެއެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އެ ގެ އަނދައިފިއެވެ.

އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ އެ ގޭގައި ރޯވިކަމުގެ މައުލޫމާތު ހދ.ކުޅުދުއްފުށީ ފަޔާ ސްޓޭޝަނަށް ލިބުނީ މިއަދު މެންދުރުފަހު 1:17 ގައި ކަމަށާއި އެ މައުލޫމާތު ލިބުމާއެކު އެ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް،އަލިފާން ނިވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 2:12 ހާއިރު ކަމަށާއި އެ ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެ ގެއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނީ ކުޅުދުއްފުށި ސިޓީ، "ސިގްނަލް" ނަމަކަށް ކިޔާ ގެއެއްގައި ރޯވި އަލިފާން ހދ. ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ނިއްވާލާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގޭގައި ދިރިއުޅެމުން އައީ ތިން ކުޑަކުއްޖަކާއި އަންހެނެއްގެ އިތުރުން ދެ ފިރިހެނެކެވެ. ދުމުގެ އަސަރުކޮށްގެން އެއިން އެއް ފިރިހެނަކަށް ކުޅުދުއްފުށީ ހޮސްޕިޓަލުގަިއ ވަނީ ފަރުވާދީފައެވެ.

އެ އާއިލާއަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ވަގުތީ ހިޔާ ހަމަޖައްސަައިދީ އެ މީހުން ބަދަލުކޮށްފައެވެ.