ކާރެއްގެ ޑިކީގެ ތެރެއިން 72 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވާ އައްޑޫ ސިޓީ ހުޅުދޫ، އިރުފާން ތަގިއްޔު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ އިރުފާން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ މިދިޔަ އަހަރު ފަހުކޮޅުގައެވެ. އެހެންނަމަވެސް މި މަހުގެ 21 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އިރުފާން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ނިންމާ އަލުން އޭނާ ބަންދުކުރުމަށް ހުކުންކޮށްފައެވެ. އިރުފާން އަލުން ހައްޔަރުކުރީ ސުޕްރީމް ކޯޓުގެ އެ ހުކުމާ ގުޅިގެން، އޭނާ އަލުން ބަންދުކުރަން ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުމުންނެވެ.

އިރުފާން އަލުން ބަންދުކުރުމަށް ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލި ހުކުމް ބާތިލު ކުރަން ނިންމީ އޭނާ ދޫކޮށްލާފައި ވަނީ ރަނގަޅު އުސޫލުތަކަކަށް ބިނާކޮށް ނޫން ކަމަށް ވާތީކަމަށެވެ. އަދި ބަންދު މުރާޖާ ކުރުމުގައި ދަށު ކޯޓުން ނިންމާފައި ވަނީ ކްރިމިނަ؛ލް ކޯޓުގައި ހިނގަމުންދާ އަސްލު މައްސަލައިގެ ނަޒާހާތްތެރިކަން ގެއްލޭނެ ގޮތަށް ކަމަށް ވާތީ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަވަރުގެ ދައުވާއެއް އިރުފާނުގެ މައްޗަށް އުފުލާފައިވާއިރު، އޭނާ އާއި މުހައްމަދު ވިޝާމް އަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ތިބި ދެ މީހުން ކަމަށް ފުލުހުން ވަނީ އޭރު ބުނެފައެވެ. މި މައްސަލައިގައި މި ދެމީހުންގެ އިތުރުން އެހެން ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.