ހުޅުމާލޭގައި ފުލުހުން އަންހެން ކުއްޖަކަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައި، އެ ކުއްޖާއަށް އަނިޔާވެފައި ވަނީ ފިލައިގެން ދާން އުޅެނިކޮށް ސައިކަލުން ވެއްޓިގެން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެހެން ބުނީ، 18 އަހަރު ނުވާ އަންހެން ކުއްޖެއްގެ ގައިގާ ފުލުހަކު ޖަހާ އަނިޔާ ކުރިކަމަށް ބުނެ ސޯޝަލްމީޑިއާ ޕްލެޓްފޯމެއްގައި އާންމު ކުރިވާހަކައާ ގުޅިގެންނެވެ. އެ ޕޯސްޓުގައި ބުނެފައި ވަނީ، އެ މައްސަލައިގައި އަންހެން ކުއްޖާގެ އާއިލާގެ ފަރާތުން ބަޔަކު ހުޅުމާލެ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ އަޑުއުފުލަމުން ގެންދާ ކަމަށެވެ.

އަދި ސީސީޓީވީ ފްޓޭޖް ދައްކާނެ ކަމަށް ބުނެ ނުދެއްކި ކަމަށް ބުނެވެސް ސޯޝަލްމީޑިއާ ޗެނަލްގައި ވާހަކަ ފެތުރިއެވެ.

ރޭ ޕޮލިސް ސްޓޭޝަން ދޮށަށް މީހުން އެއްވުމުން ފުލުހުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ސްޓޭޝަން ދޮރުމައްޗަށް އިތުރު ފުލުހުން ނެރެފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ، އެ ހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ފޭސް 2 ގައި ގާއިމްކޮށްފައި ހުރި ވެހިކަލް ޗެކް ޕޮއިންޓް ސަރަހައްދުގައި ރޭގެ 10:05 ހާއިރު ކަމަށެވެ. އެ ކުއްޖާ ސައިކަލުގައި އައިސް އެ ޗެކް ޕޮއިންޓާ އަރާ ހަމަވުމުން ސައިކަލު އެކްސެލެރޭޓްކޮށް [ސްޕީޑް ބާރުކޮށްލައި] ޗެކް ޕޮއިންޓްގެ ފަހަތުގައި ތިބި ފުލުހުން ގައިން ނައްޓާ ކުރިއަށް ދާން އުޅުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެ ކުއްޖާ ވަނީ ސައިކަލުން ވެއްޓިފައި ކަމަށާއި އަދި ސައިކަލް ދުއްވާފައި ވަނީ ލައިސަންސް ނެތް ފަރާތަކުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެއްޓިގެން ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ރޭ ހުޅުމާލެ ހޮސްޕިޓަލަށް ވެސް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.