ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް، ޕީއެންސީއިން ކުރަމުންދާ ކެމްޕެއިންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިލިމާލެއަށް ވަޑައިގެންފައެވެ.

މިއަދު މެންދުރުފަހު 2:00ގައި ރައީސް ވިލިމާލެ ވަޑައިގެންނެވީ އެ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސް މުއިއްޒު ވިލިމާލެ ދާއިރާގެ ބައެއް ގެތަކަށް ޒިޔާރަތް ކުރެއްވިއެވެ. ރައީސްގެ އަރިހުގައި ވިލިމާލެ ދާއިރާއިން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު އިސްމާއިލް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީގެއިތުރުން ރައީސްއާއެކު ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސްވެރިން ބައިވެރިވެލެއްވިއެވެ. މަޖިލިސް ކެމްޕެއިންގައި ރައީސް މުއިއްޒު ހަރަކާތްތެރިވެވަޑައިގަންނަވަމުން ދާއިރު މިހާތަނަށް ރައީސް ވަނީ މާލޭގެ 5 ދާއިރާއެއްގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

މަޖިލިސް އިންތިހާބު ފުރަަތަމަ ތާވަލު ކުރީ މާޗް މަހުގެ 17 ވަނަ ދުވަހަށް ނަމަވެސް ރޯދަ މަހާ ދިމާވާތީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި އެ ބިލް ރައީސް ވަނީ ތަސްދީގު ކުރައްވާފައެވެ.

އެއާއެކު މަޖިލިސް އިންތިހާބު އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ.