މާލޭ ދަރުމަވަންތަ މިސްކިތުގެ ދެ ފަންކާ ވަގަށް ނެގި މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދަރުމަވަންތަ މިސްކިތުގައި ހަރުކޮށްފައިވާ ދެ ފަންކާ ވަގަށް ނަގާފައިވަނީ ރޭގެ ވަގުތެއްގައި ކަަމަށެވެ. މި މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.
ފަހަކަށް އައިސާ މާލޭގައި މިސްކިތްތަކަށް ގެއްލުން ދޭ މައްސަލަ ފެންމަތިވަމުން އަންނައިރު، މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ނުހޯދޭ މައްސަލައިގެ ކަންބޮޑުވުންތައްވެސް ގިނައެވެ.
މި ގޮތުން މިދިޔަ ހަފްތާތެރޭގައިވެސް މާލޭގެ ދެ މިސްކިތެއްގެ އަންހެނުން ވުޟޫ ކުރާ ބައިގެ ފެން އިސްކުރުތަކަށާއި ފާހަނަތައްޓަށް ގެއްލުންދިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މާލެ ސިޓީ ކައުންސިލުން މި ދެ މިސްކިތަށް ދިން ގެއްލުން މަރާމާތުކޮށްފައިވާއިރު މޭޔަރު އާދަމް އާޒިމް ވަނީ މިފަދަ ނާތަހުޒީބު އަމަލުތައް ހުއްޓުވުމަށް އާންމުންގެ އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވެފައެވެ.