ގަދަކަމުން ފަލަސްތީނުގެ ބިންތައް ހިފައި ޔަހޫދީ އާބާދުތައް ހެދުމަށް ހިންގާ މަޝަރޫއުގެ ދަށުން މިވަގުތުން މިވަގުތަށް ގާޒާގައި ދިރިއުޅުން ފަށަން ބޭނުންވާ 500 އާއިލާ އެބަތިބި ކަމަށް އިޒްރޭލުން ބުނެފިއެވެ.
ޔަހޫދީން އާބާދު ކުރާ ހަރަކާތް ހިންގާ މީހެއްގެ މާމަ، އުމުރުން 78 އަހަރުގެ ޑެނިއެއްލާ ވެއިސް ބުނެފައި ވަނީ، ގާޒާގެ ގޮނޑުދޮށް ތަކަކީ ރަންކުލައިގެ ރީތި ވެލި ގޮނޑުދޮށް ތަކެއް ކަމަށާއި އެހާމެ ހިތްގައިމު މޫދެއް ކަމަށެވެ. އެހެން ކަމުން ބީޗް ފްރަންޓުން ގޯއްޗެއް ބޭނުންވާ ކަމަށާއި ގާޒާއަށް ދާން ލިސްޓު ކޮށްފައި ވާ 500 އާއިލާ އަކީވެސް އެ ގޮނޑުދޮށްތަކުގެ ހިތްގައިމުކަމުން އުފާ ލިބިގަތުމަށް ދާން ތައްޔާރަށް ތިބި މީހުން ކަމަށް ބުނެއެވެ.
އޭނާ ބުނީ، ގާޒާ ހަނގުރާމަ ހިނގަމުން ދާ އިރު، ހަނގުރާމަ ނިންމާ އާބާދު ކުރުމާ ހަމައަށް ނުދެވެނީސް ހުރިހާ ޕްލޮޓެއް "ފްލީ ބްކްޑް" ކަމަށެވެ.
1967 ގެ މެދުއިރުމަތީގެ ހަނގުރާމަ އަށް ފަހު ޔަހުދީން އާބާދު ކުރުމުގެ މަސައްކަތުގައި އުޅޭ ވެއިސް ބުނީ، އެއީ [ފަލަސްތީނަކީ] ޔަހޫދީ ބަހުން 'ނަޗްލާ' [އަމިއްލަ ވަޒަން] ކަމަށެވެ. އެހެން ކަމުން އަމިއްލަ ގެއަށް ދާން އެންމެންވެސް ބޭނުންވާ ކަމަށާއި އެކަން ކުރިއަށް ދާނެ ކަމަށް ބުނެފައި ވެއެވެ.
މީގެ ކުރިން 2005 ގައި ކުރި ގާޒާ ހަނގުރާމަ އަށް ފަހު އިޒްރޭލުން އެތާނގައި 21 ސެޓްލްމަންޓެއް ހެދިއެވެ. އެއީ ގާތްގަނޑަކަށް 9000 މީހުންގެ އާބާދީއެކެވެ. ނަމަވެސް އޭރު އިޒްރޭލުން އެތަނުން ފޭބިއެވެ. އިޒްރޭލު ސިފައިން އަރާ އެ އާބާދީތައް އުޅުނު ގެތައް ތަޅާލައި ގަދަކަމުން އޭރު ބޭލީއެވެ.
ހުޅަނގު އައްސޭރިއާއި އެކިއެކި ސީރިއާގެ ގޮލާނުގެ އުސްބިންތަކާއި އުރުދުންގެ ވާދީ ތެރެއަށް ޔަހުދީ އާބާދިތައް ފަތުރާލާފައި ވާ އިރު އެ ސަރަހައްދުތަކުގައި މިހާރު 700،000 އަށް ވުރެ ގިނަ ޔަހޫދީން އެބައުޅެއެވެ. އެ ހުރިހާ ތަންތަނަކީ ފަލަސްތީނުގެ ބިންތައް ކަމަށް ވާއިރު ޔަހޫދީން ވަޒަންވެރިގަނެގެން ތިބީ މުސްލިމުންގެ ތެރޭގައެވެ.
އެ އާބާދީތަކުގައި މުސްލިމުންނަށް ދުއްތުރާ ކުރުމާއި، އަނިޔާ ކުރުމާއި މުދާ ފޭރުމާއި އަންހެނުންނާއި ކުދިންގެ އިއްފަތް ފޭރިގަތުމާއި އަދި މީހުން މެރުން ފަދަ ކިތަންމެ ލާއިންސާނީ އަމަލުތަކެއް ހިންގަމުން ގެންދެއެވެ.