އިިދިކޮޅުން ދައްކާ އިހުލާސްތެރި ކަމެއް ނެތް ވާހަކަތަކަށް ނުހެއްލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ ސަރުކާރުގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ ވިލިފުށީ ދާއިރާއަށް ކުރިމަތިލާފައިވާ ހަސަން ވަހީދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭ ހުޅުމާލޭގައި ހުންނަ ވިލިފުށީ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ވެސް މެޖޯރަޓީ އޮތީ އިދިކޮޅު އެމްޑީޕީ އަތުގައި ކަމަށާއި އަދި މި ސަރުކާރުން ވެރިކަމަށް އައިރުވެސް އެކަން އޮތީ އެހެން ކަމަށެވެ.

ނަމަވެސް އިދިކޮޅުން ބުނަމުން ދަނީ ކުރިން ނުކޮށް ހުރި ކަންތައްތައް ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ އެ ޕާޓީއަށް ލިބިގެން ކަމަށެވެ. މި ވާހަކަތަކުންވެސް ކަންކަން ކުރުމުގައި އިހްލާސްތެރިކަމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމައެހެންމެ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ، އޭރު ދޭން ބުނި ގޯތިތަކާއި ފްލެޓުތައް ދޭނެ ކަމަށް އިދިކޮޅުން މިހާރު ބުނަމުންދާ އަޑު ގަދަވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ހިތަށް އަރާ މިހާރު ވެސް މެޖޯރަޓީ އޮތީ އެމްޑީޕީއަތުގައި ނޫން ބާވައޭ. އަޅުގަނޑުމެން އައި ދުވަހު ވެސް އެ މެޖޯރަޓީ އޮތީ އެބޭފުޅުން އަތުގައި، ސުޕަ މެޖޯރަޓީ. ދެން އަނެއްކާ އިންތިހާބަކުން މެޖޯރަޓީ ހަވާލުކުރީމާތޯ އެވިދާޅުވާ މިހާރު ނުކޮށް އޮތް ކަންތައް ކުރެވެން އަންނަނީ" ރައީސް ވިދާޅުވިއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން މެޖޯރިޓީ އޮވެ ނުކޮށް އޮތް ކަންކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ވެރިކަން ބަދަލުވެގެންދިޔައީ އެތައް ބިލިއަން ޑޮލަރެއްގެ ލޯންތައް ނަގައި 120 ބިލިއަން ރުފިޔާގެ ދަރަނި ދިވެހިންގެ ބޮލުގައި އަޅުވައި އެ ލޯންތައް ދެއްކޭނެގޮތް ފަހިކޮށްފައިނުވާ ކަމަށެވެ. އަދި 9000 މިލިއަން ރުފިޔާގެ ބިލުތައް ނުދައްކާ އޮތުމުން ރަށްރަށުގައި ފަށާފައި ހުރި މަޝްރޫއުތައްވެސް ހުއްޓިފައި ހުރިކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ފާއިތުވި ފަސް އަހަރު ނުވި ކަންކަން ކުރުމަށް މިހާރު އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް ރައްޔިތުން ނުހެއްލުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.