ގާޒާގެ ރަފާ އާއި މިސްރު ގުޅޭ ބޯޑަރަށް ވަޑައިގެން ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އދ ގެ ސެކްރެޓަރީ ޖެނެރަލް އިންޒާރެއް ދެއްވައިފިއެވެ.
އޭނާ ވިދާޅުވީ, އެހީގެ ޓްރަކުތައް އެ އޮތީ ބޯޑަރު ސަރަހައްދުގައި ގާޒާއަށް ވަނުމަށް ކެތް މަދުވެފައި ކަމަށާއި ގާޒާއަށް މިވަގުތުން ވަގުތަށް އެހީގެ ތަކެތި 'އޮއްސާ ނުލައިފި ނަމަ' 1.1 މިލިއަން މީހުން ބަނޑަށް މަރުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ގާޒާގެ އުތުރުގައި ތާށިވެފައި ތިބި ރައްޔިތުންނަށް މިވަގުތުން ފެށިގެން މެއި މަހާ ހަމައަށް ދާއިރު ގޮތް ހުސްވާނެ ކަމަށާއި ބަނޑަށް ޖެހި ހާންތިވާން މެދުވެރި ކުރި މިހާލަތުން އަރައި ނުގަނެވޭނެ ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ މިއީ އިންސާނުން އަމިއްލައަށް ގެނެސްފައި ވާ ހާލަތެއް ކަމަށާއި ހަމަލާތައް ހުއްޓާލައި އެހީގެ ތަކެތި ފޯރުކޮށް ދިނުމުގެ މަބު އިޒްރޭލުން ފަހިކޮށްދޭން ޖެހޭ ކަމަށެވެ.
"މިއީ ގާޒާގެ ތައްޔިރުން ސަލާމަތް ކުރުމަށް ކާބޯތަކެތި އޮއްސާލަން ވީ ވަގުތު, ޗޮއިސް ވަރަށް ސާފު, އޮތީ އެހީގެ ތަކެތިން ގާޒާ ފުރާލުން ނުވަތަ ބަނޑަށް މަރުވުން"
އިތުރަށް އޭނާ ވަނީ ގާޒާގައި ތިބި ފަލަސްތީނު ތައްޔިތުންނަށް ވެސް މެސެޖެއް ދެއްވާފައެވެ. ވިދާޅުވީ ގާޒާގެ ރައްޔިތުން އެކަނި ނުވާނެ ކަމަށާއި އެމީހުން (އެހީދޭ ޖަމާއަތްތަކާއި އދ) ވެސް އެމީހުންނާ އެކު ތިބި ކަމަށެވެ.
ރަފާ އާއި ގާޒާ ގުޅޭ ދޮރާށީގައި މިހާރުވެސް އެތައް ސަތޭކަ ޓްރަކެއް އެހީގެ ތަކެއްޗާއެކު އެބައޮތެވެ. ނަމަވެސް އެ ޓްރަކްތައް ވަނުމަށް އިޒްރޭލުން ހުރަސް އަޅާ, އިޒްރޭލުގެ ހުއްދަ އާއެކު ވަންނަ ޓްރަކް ތަކަށް ހަމަލާ ދިނުން ފަދަ ކިތަންމެ ޖަރީމާއެއް މިހާރުވެސް ދަނީ ހިންގަމުންނެވެ. މި ބިރުވެރިކަމާ ހުރެ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ގޮންޖެހުންތަކާ ކުރިމަތިވެ އެހީ ފޯރުކޮށް ދިނުން މަޑުޖެހިފައި ވާ އިރު ކޮންމެ ދުވަހެއް ނިމިދަނީ ގާޒާގެ އެތައް ބަޔަކު ބަނޑަށް މަރުވަމުންނެވެ. އޭގެ ތެރޭގައި ތުއްތު ތުއްތު ކުދިންނާއި ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުން ހިމެނެއެވެ.
ޔުނިސެފުން ދާދިފަހުން ގާޒާއަށް ކުރި ޒިޔާރަތަށް ފަހު ބުނެފައި ވަނީ ގާޒާގެ ތުއްތު ކުދިންގެ ގައިން ހަކަތަ ހުސްވެ ރޯލަން ބޭނުން ވިޔަސް ރޯލާނެހާ ހިތްވަރުވެސް ނެތް ކަމަށާއި އެ ހާލަތަކީ ދުނިޔޭގެ ލޮލުގެ ކުރިމަތީގައި ހިނގަމުން ދާ ނުހުއްޓުވި އޮތް ހާލަތެއް ކަމަށެވެ.
ގާޒާގެ ހަމާސް އާ ދެކޮޅަށް އިޒްރޭލުން ވަރުގަދަ ހަނގުރާމައެއް ކުރަމުން ގެންދާ އިރު އިޒްރޭލު ނުހުއްޓުވިގެން އުޅެނީ އެމެރިކާއިން އިޒްރޭލަށް މަދަދު ދެމުން ގެންދާތީއެވެ. ހަމަލާތައް ހުއްޓާލަން ގޮވާލައި މިހާތަނަށް އދ ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ހުރިހާ ގަރާރެއް ވެސް އެމެރިކާއިން ވީޓޯ ކޮށް ބޭރު ކޮށްލާފައި ވާއިރު ގާޒާ އަށް އެހީ ފޯރުކޮށްދޭ އަންރުވާ (އދ ގެ އެހީދޭ ޖަމާއަތް) އަށް އެމެރިކާއިން ދޭ އެހީ 1 އަހަރު ދުވަހަށް ހުއްޓާލުމަށް މިއަދު އެގައުމުން ވަނީ ނިންމާފައެވެ.
ނަމަވެސް އެމެރިކާއިން އދ ގެ މަޖިލީހަށް ވަނީ އާ ގަރާރެއް ހުށަހަޅާފައެވެ. އެ ގަރާރުގައި ހަމާސްގެ އަތްދަށުގައި ތިބި ރަހީނުން މިނިވަން ކުރަން ހަމަލާތައް މެދުކަނޑާލަށް ގޮވާލާފައި ވެއެވެ. ނަމަވެސް މިއީ އެއްފަރާތަށް ޖެހިފައި ވާ ގަރާރެއް ކަމަށް އެމަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ބުނެފައި ވާ އިރު ރަޝިއާ އާއި ޗައިނާގެ ބަހަކީވެސް އެއީއެވެ. ހަމަލާތައް ހުއްޓާލަން އެމެރިކާއިން ހުށަހަޅަނީ ހަމައެކަނި ރަހީނުން މިނިވަން ކުރުމުގެ ބޭނުމުގައި ކަމަށް ބުނެއެވެ.
އިޒްރޭލުން ގާޒާ އަށް އަރަން ތައްޔާރުވެ ހުރިހާ ކަމެއް ނިންމާފައި ވާ އިރު, ދުނިޔޭގެ ޕްރެޝަރާ ހުރެ އެމެރިކާއިން ވަނީ ސާފު ޕްލޭނެއް ނެތި ރަފާއަށް އަރަން އެއްބަސް ނުވާނެ ކަމަށް ބުނެފައެވެ. ނަމަވެސް އިޒްރޭލުގެ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އެމެރިކާއިން އެއްބަސްވިޔަސް ނުވިޔަސް އެކަނި މާ އެކަނި ވިޔަސް ރަފާ އަށް އަރާނެ ކަމަށެވެ.
އިޒްރޭލުގެ އުދުވާން ކުރިއަށް ވުރެ ވަރުގަދަ ކޮށްފައި ވާ މިދަނޑިވަޅުގައި އިޒްރޭލުގެ ސިފައިން ވަނީ ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ހިސޯރު ކޮށް އެތާ ތިބި ބަލިމީހުންނާއި ސަލާމަތް ހޯދަން ވަދެ ތިބި މީހުންނަނީ ހަމާސްގެ މެންބަރުން ކަމަށް ބުނެ ބަޑިޖަހާ 300 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައި 800 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައެވެ. އަދި އިންޒާރު ދީފައި ވަނީ އެ ހޮސްޕިޓަލް ގޮއްވާލައި ބިމާ ހަމަކޮށްލާނެ ކަމަށާއި ޖާނު ސަލާމަތް ކުރަން ބޭނުން ނަމަ ނިކުމެގެން ދިޔުމަށެވެ.