މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެވެ.
އެގޮތުން މިއަދުގެ މި ލިޔުން ހާއްސަކޮށްލަނީ، ރާއްޖެއާއި 2000 އެއްހާ މޭލު ދުރުގައި އޮތް ސިންގަޕޫރަށެވެ. ގިނަ ދިވެހިން މިހާރުވެސް ދަތުރުކޮށް އުޅޭ ސިންގަޕޫރަކީ އާއިލާގެ އެންމެން ގޮވައިގެންވެސް ހެޔޮ އަގުއި ދަތުރު ކޮށްލެވޭނެ ފަދަ ގައުމެކެވެ. 5.9 މިލިއަން މީހުން ދިރިއުޅޭ ސިންގަޕޫރުގެ 15.6 އިންސައްތަ މީހުންނަކީ މުސްލިމުންނެވެ. އަދި އެއީ މުސްލިމުންނާއި ވަރަށް ހިތް ހެޔޮ އަދި ހަމަ އެހެންމެ ތަފާތު ސަގާފަތަށް ނިސްބަތްވާ މީހުން ދިރިއުޅޭ ހިތްގައިމު ގައުމެކެވެ.
ރާއްޖެއިން ސިންގަޕޫރުގެ ޗެންގާއީ އެއާޕޯޓާއި ދެމެދު ޑައިރެކްޓު ފްލައިޓްގެ އިތުރުން މެލޭޝިއާގައި ޓްރާންސިޓް ކުރުމަށްފަހު ދަތުރު ކުރާ ފްލައިޓްތައްވެސް ހިމެނެއެވެ. ނަމަވެސް އަގު ހެޔޮ ވާނީ މެލޭޝިއާއަށް ޓްރާންސިޓް ކުރުމަށްފަހު ދަތުރު ކުރާ ފްލައިޓްތަކެވެ. 4 ގަޑިއިރުން ޑައިރެކްޓް ފްލައިޓަކުން 570 ޑޮލަރަށް ޓިކެޓް އުޅޭއިރު ޓްރާންސިޓް ފްލައިޓުން 350 އެއްހާ ޑޮލަރުން ސިންގަޕޫރަށް ދަތުރު ކޮށްލެވެއެވެ.
އެ ގައުމުގައި ފައިސާގެ ގޮތުގާއި ބޭނުން ކުރަނީ ސިންގަޕޫރު ޑޮލަރެވެ. ދެން ސިންގަޕޫރުގައި ހޭދަ ކުރާ ދުވަސްތަކުގައި ޒިޔާރަތް ކުރާނެ ހިތްފަސޭހަ ތަންތަނާއި ކޮށްލާނެ މަޖާ ކަންތައްތަކުގެ ހުލާސާ ތަފްސީލަކަށް ޖެހިލަން ހިނގާށެވެ.
ގުދުރަތީ ހިތްގައިމުކަމުން ޖަރީ ކޮށްފައިވާ 'ގާޑަންސް ބައި ދަ ބޭ'
105 ހެކްޓަރުގެ މި ބިޔަ ޕާކުގައި ތިން ވޯޓާފްރަންޓް ބަގީޗާ ހިމެނެއެވެ. އެއީ ބޭ ސެންޓްރަލް ގާޑަން އާއި ބޭ އީސްޓް ގާޑަންގެ އިތުރުން ބޭ ސައުތް ގާޑަންއެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑު ބަގީޗާއަކީ ގްރާންޓް އެސޯސިއޭޓްސް އިން ފަރުމާކޮށްފައިވާ 54 ހެކްޓަރުގެ ބޭ ސައުތު ގާޑަން އެވެ. އަދި އޭގައިވާ ފްލާވާ ޑޯމް އަކީ ދުނިޔޭގެ އެންމެ ބޮޑު ބިއްލޫރި ގްރީންހައުސް ވެސް މެއެވެ. ސިންގަޕޫރަށް ދަތުރުކުރާ ފަތުރުވެރިންގެ މެދުގައި ވެސް ބޮޑު މަގްބޫލު ކަމެއް ލިބިގެންވާ މި ޕާކަށް 2018 ވަނަ އަހަރުގެ ނިޔަލަށް 50 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
2012 ވަނަ އަހަރު އާންމުންނަށް ރަސްމީކޮށް ހުޅުވާލި ސިންގަޕޫރުގެ ބޭ ބައި ދަ ބޭ އަކީ ދެމެހެއްޓެނިވި ޑިޒައިނާއި ޓެކްނޮލޮޖީ ހިމަނައިގެން ޓްރޮޕިކަލް ބަގީޗާގެ ފަންނުވެރިކަން ދައްކުވައިދޭ ބޮޑު އާބަން ޕާކަކާއި ގައުމީ ބަގީޗާއެކެވެ. ފްލޯރަލް ޑިސްޕްލޭތައް ބަލައި، އަރާމު ވަގުތުތަކުގައި ބަގީޗާތައް ބަލާލަން ބޭނުންނަމަ އެންމެ ރަނގަޅު ވަގުތަކީ ހަވީރުގެ ވަގުތެވެ. އަދި ލައިޓް ޝޯއަށް ޝައުގުވެރިވާ ނަމަ ޒިޔާރަތް ކޮށްލަން އެންމެ ރަނގަޅު ގަޑިއަކީ ރޭގަނޑުގެ ވަގުތެވެ. އެހެންކަމުން ސިންގަޕޫރަށް ދަތުރުރާވާއިރު ގާޑަންސް ބައި ދަ ބޭ އަށް ޒިޔާރަތް ކުރުމަށް ވަގުތުކޮޅެއް ހުސްކޮށްލަންވާނެއެވެ.
ތަފާތު އެކި ޖަނަވާރުތައް ބަލާލަން 'ސިންގަޕޫރު ޒޫ'
އަހަރުމެންގެ އާންމު ދިރިއުޅުމުން ނުފެންނަ ތަފާތު ވައްތަރުގެ އެކި ޖަނަވާރުތައް ބަލާލަން ބޭނުން ނަމަ ސިންގަޕޫރު ޒޫ އަކީ އެންމެ ރަނގަޅު ތަނެވެ. 1970ގެ އަހަރުތަކުގައި ހުޅުވި މި ޒޫގައި 300 އަށްވުރެ ގިނަ ތަފާތު ވައްތަރު ޖަނަވާރުތައް އުޅެއެވެ. އޭގެ ތެރޭގައި ކެންގަރޫ، އެތް، ތަފާތު ވައްތަރުގެ ރާމާމަކުނު، ޗީޓާ، ކުއްތާގެ އިތުރުން ތަފާތު ވައްތަރުގެ ރީތި ދޫނިތައް ވެސް ހިމެނެއެވެ. މީގެ އިތުރުންވެސް އެކި ތަފާތު ވައްތަރުގެ ޖަނަވާރާއި ދޫނިތައް އެތަނުގައި އެކުލެވެއެވެ. ޒޫ އަށް ވަނުމަށް 30 ޑޮލަރާއި 45 ޑޮލަރާއި ދެމެދު ފީ އެއް ނަގައެވެ.
މިތަނަށް ޒިޔާރަތް ކުރުމަށް އެންމެ ރަނގަޅު ވަގުތަކީ ހެނދުނުގެ ވަގުތުގެ އިތުރުން ހަވީރުގެ ވަގުތެވެ. ހެނދުނު 08:00 އިން ފެށިގެން ހަވީރު 06:00 އަށް ޒޫ ހުޅުވާފައި ހުރި ނަމަވެސް ޒޫ ތެރެއަށް ވަދެވޭނެ އެންމެ ފަހު ވަގުތަކީ ހަވީރު 05:00 އެވެ. މިއީ އޭޝިއާ ސަރަހައްދުގެ ތެރެއިން 4 ވަނައަށް އެންމެ ރަނގަޅު ޒޫ ކަމަށްވާއިރު ކުޑަކުދިން ގޮވައިގެން ޒިޔާރަތް ކޮށްލުމަށް މިއީ ހަމަ އެއްވަނައިގެ ތަނެކެވެ.
އެނބުރޭ ފުރޮޅަކަށް އަރާ، ހިތްގައިމު މަންޒަރުތައް ބަލާލުމަށް 'ސިންގަޕޫރު ފްލަޔާ'
ބޮޑު އެނބުރޭ ވަށް ބޮޅެއްގެ ބައްޓަމަށް އޭގެ ބޭރުގައި މީހުންނަށް އިށީނދެ ތިބެވޭނެ ގޮތަކަށް ފަރުމާ ކޮށްފައިވާ މި ފްލަޔާ އަކީ ތަފާތު ތަޖުރިބާއެއް ކޮށްލުމަށް ވަރަށް ރަނގަޅު ފުރުސަތެކެވެ. މީހުން ތިބުމަށް ބިއްލޫރި ފޮށިތަކެއް ހަދާފައި ހުންނައިރު އެ ދަތުރު ކުރާ ވަގުތު މަތިން އެ ފެންނަ މަންޒަރަކީ ހިތަށް ފިނިކަން ލިއްބައިދޭނެ ބުނެދޭން ނޭނގޭ ތަޖުރިބާއެކެވެ. 165 މީޓަރުގެ ދިގު މި ވަށްބޮޅަކީ ދުނިޔޭގައި ވެސް އެކުލެވޭ މިފަދަ އެންމެ ބޮޑު ވީލް (ފުރޮޅު) އެވެ.
ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 10:00 އަށް ހުޅުވާފައި ހުންނަ މި ފްލަޔާގައި ދަތުރެއް ކުރެވޭނެ އެންމެ ފަހު ގަޑިއަކީ ރޭގަނޑުގެ 09:30 އެވެ. އޭގެ ދަތުރެއް ކޮށްލުމަށް 40 ސިންގަޕޫރު ޑޮލަރު ފީ އެއްގެ ގޮތުގައި ދައްކަން ޖެހެއެވެ. ކުޑަ ކުދިން އަދި 60 އަހަރުން މަތީ މީހުންނަށް ފީ ތަފާތުވާއިރު އެ މީހުންނަށް ދައްކަންޖެހެނީ 25 ސިންގަޕޫރު ޑޮލަރެވެ.
އެއްތަނަކުން ތަފާތު އެކި ތަޖުރިބާ ކޮށްލުމަށް 'ޔުނިވާސާލް ސްޓޫޑިއޯ'
ސެންޓޯސާ އައިލެންޑުގައި ހުންނަ ޔުނިވާސަލް ސްޓޫޑިއޯ ތީމް ޕާކަކީ ނުދާ ދޫކޮށްލެވޭ ވަރުގެ ތަނެއް ނޫނެވެ. ތަފާތު އެކި ތަޖުރިބާ އެއް ތަނަކުން ހޯދުމުގެ ފުރުސަތު ލިބޭނެ މި ސްޓޫޑިއޯއަކީ މިހާރުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކޮށް އުޅޭ މަންޒަލިކެވެ. މިފަދަ ޔުނިވާސަލް ސްޓޫޑިއޯ ތީމް ޕާކު ދުނިޔޭގެ ފަސް ސަރަހައްދެއްގައި ހުންނައިރު އޭޝިއާގައި މި ޕާކު ހުންނަނީ ސިންގަޕޫރުގައެވެ.
މި ޕާކުގައި ތަފާތު ވައްތަރުގެ ކުޅިވަރާއި ބަލާލުމަށް ރީތި އެތައް ސަތޭކެ މަންޒަރުތައް ވެއެވެ. އެގޮތުން އެޑްވެންޗާ ޕާކާއި، ޑޮލްޕިން އައިލެންޑް، ސީ އެކުއޭރިއަމްގެ އިތުރުން ހެރީ ޕޮޓާގެ ފޭނުންނަށް ހާއްސަ ސްޓޫޑިއޯއެއްވެސް އެކުލެވެއެވެ. އަދި މިތަނުގެ ތެރޭގައި ކެއުމުގެ ހިދުމަތް ލިބޭނެ ތަފާތު ރެސްޓޯރެންޓްތަކުގެ އިތުރުން ނިދާލުމަށް އެކި ސުއިޓްތައް ވެސް އެކުލެވެއެވެ. އަދި ތަފާތު ވައްތަރުގެ ގަހަނާއާއި ކުޅޭ ސާމާމުވެސް މިތަނުން ގަނެވޭނެ އެކި ފިހާރަތަށް ހުރެއެވެ.
އަދި ވަކިން ހާއްސަކޮށް ޔުނިވާސަލް ސްޓޫޑިއޯގައި ހިމެނޭ ޖަރަސިކް ޕާކަކީ ކުޑަކުދިންގެ ހިތްތައް ދަމައިގަންނަ އެތައް ކަމެއް އެކުލެވިގެންވާ ޕާކެކެވެ. އެކި ތަފާތުގެ ޑައިނަޝޯ ތަކުގެ އިތުރުން އެކި ޖަނަވާރުތައް ދައްކުވާދޭ އެކި ސްޓެޗޫތައް އެކުލެވޭ މި ޕާކަކީ އެ ކުދިންގެ ހިތްތައް ދަމައިގަންނަ މަންޒިލަކަށް ވާނެއެވެ. އެހެންކަމުން ސިންގަޕޫރަށް ދާއިރު ބަކެޓް ލިސްޓަށް މި ތަން ކޮންމެ ހެންވެސް ލާންވާނެއެވެ.
ކުޑަކުދިންނަށް ހާއްސަ 'ސްނޯ ސިޓީ' އާއި 'ޓަޔޯ ސްޓޭޝަން'
ސްނޯ ސިޓީ - އިންޑޯގައި އަމިއްލައަށް ފަރުމާ ކޮށްފައިވާ ސްނޯ ސިޓީ އަކީ ކުޑަ ކުދިންނާއި ބޮޑެތި މީހުންވެސް މަޖާކޮށްލުމަށް ޒިޔާރަތް ކޮށްލަން ރަނގަޅު ތަނެކެވެ. ޑްރިފްޓް ކުރާނެ ތަނަކާއެި ސްކޭޓް ކުރުމުގެ އިތުރުން މިތަނުގައި ބަމްޕާ ކާރުވެސް ދުއްވާ ލެވޭނެއެވެ. ކުދިންނާއި މައިންބަފައިން އެކުވެލާ އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުން ނަމަ މިއީ އެންމެ ރަނގަޅު ތަނެވެ.
ޓަޔޯ ސްޓޭޝަން - ކުޑަކުދިން ގަޔާވާ ޓަޔޯ ކާޓޫނުގެ އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ މި ޕްލޭ އޭރިއާ އަކީ ކުޑަކުދިންނަށް ވަރަށް ކަމުދާނެ ތަނެކެވެ. ސްލައިޑް ކުރުމާއި އެކި ތަފާތު ވައްތަރުގެ ކާރު ދުއްވުމުގެ އިތުރުން ބޮޑު ބޯލް ޕިޓެއް ވެސް މިތަނުގައި އެކުލެވެއެވެ. އެހެންކަމުން މިއީ ވެސް ޒިޔާރަތް ކޮށްލުމަށް ރަނގަޅު ތަނެކެވެ.
މިތަނުގައި ވެސް އާއިލާއާއެކު މަޖާ ވަގުތު ކޮޅެއް ހޭދަ ކުރެވޭނެ ގޮތަށް ކުޅޭ ތަންތަން ފަރުމާ ކޮށްފައި ވެއެވެ.
މީގެ އިތުރުން ވެސް ސިންގަޕޫރުގައި ޗުއްޓީ ހޭދަކޮށްލުމަށް ތަފާތު އެކި މަންޒިލްތައް ވެއެވެ. މި ލިޔުމުގައި ހުރިހާ ތަނެއް ހިމަނާލާފައި ނުވި ނަމަވެސް ދެން ރާއްޖެއިން ބޭރު ގައުމަކަށް ދަތުރެއް ރާވާނަމަ މި މަންޒިލް ހިޔާރު ކުރުމަށް މިއީ ލިބިދޭނެ އެހީއެކެވެ. އާއިލާއާއެކު ތަފާތު ތަޖުރިބާއެއް ކޮށްލާ މަޖާ ވަގުތުތަކެއް ހޭދަ ކުރުމަށް މިއީ ހަމަ އެއްވަނައިގެ ސަޅި ގައުމެކެވެ.