ކުޑަކުދިންގެ އޮރިޔާން ފޮޓޯ ޑައުންލޯޑު ކުރުމުން ދައުވާ ނުކޮށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނަސޭހަތުގެ އެއްބަސްވުމެއް ހަދައިފިއެވެ.

ޕީޖީ އޮފީހުން ބުނީ ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުން ގާނޫނުގައި ވަކި ކުށެއްގެ ގޮތުގައި ނޯންނަ ކަމަށާއި ހަމަ އެކަނި އޮންނަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ކަމަށެވެ. އެއީ އަސާސީ އަދަބަކަށް 1 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޮންނަ ކުށެކެވެ.

އެ ކޭސްގައި ތުހުމަތުކުރެވޭ މީހާ ކުށުގައި ބައިވެރިވެ ވެފައިވާ މިންވަރަށާއި އޭނާގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމާއި އޭނާ އެ ކުށަށް އިއުތިރާފުވެ ކުށާ މެދު ދެރަވާކަން ހާމަކޮށްފައިވާތީ 1 އަހަރުގެ މުއްދަތަށް ނަސޭހަތުގެ އެއްބަސްވުމެއް ހެދީ
ޕީޖީ އޮފީސް

މިދިޔަ ހަފުތާގައި ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގައި، އެކްޓިން ހެޑް އޮފް ކްރައިމް އެގެއިންސްޓް ޗިލްޑްރަން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސަފްއަތު ރައޫފް ވިދާޅުވީ، ރާއްޖޭގައި ކުޑަކުދިންގެ އޮރިޔާން ފެންނަ ފޮޓޯ އާއި ވީޑިއޯ ޑައުންލޯންޑު ކުރުމުގެ މައްސަލަ ބޮޑުވެފައި ވާކަމަށެވެ. އަދި އެފަދަ ކަންކަން މޮނީޓާ ކުރާ ބޭރުގެ ފަރާތްތަކުން މިދިޔަ އަހަރު އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ސަފްއަތު ވިދާޅުވީ މި މައްސަލަ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތަހުގީގު ކުރުމަށްފަހު އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވި ކަމަށެވެ. ޕީޖީ އޮފީހުން މިއާ ގުޅިގެން ބުނީ އެ ފިރިހެން މީހާގެ މައްޗަށް ދައުވާނުކޮށް ހެދީ ނަސޭހަތުގެ އެއްބަސްވުމެއް ކަމަށެވެ.

ސަފްއަތު އިތުރަށް ވިދާޅުވީ ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ޑައުންލޯންޑު ކުރުމުގެ ދެ ވަނަ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި ހާއްސަކޮށް މޮބައިލް ފޯނުން ކުޑަކުދިން ކުރާ ކަންތައް ބެލެނިވެރިންނަށް އެނގުން މުހިއްމު ކަމަށެވެ.

މީގެއިތުރުން ކުޑަކުދިންގެ މައްސަލަތަކުގައި މައުލޫމާތު ސިއްރު ކުރަން އުޅޭ ކަމަށާއި ފުލުހުން މަސައްކަތް ކުރަމުން އަންނަނީ ކުށުގެ ވެށިން ވީހާވެސް ގިނަ ކުދިން ސަލާމަތް ކުރުމަށް ކަމަށް ސަފްއަތު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތެއް ލިބިއްޖެނަމަ ވީހާވެސް އަވަހަކަށް ފުލުހުންނަށް ހިއްސާ ކޮށްދިނުމަށް އޭނާ ވަނީ އެދިފައެވެ.