2022 ގެ ކުރީކޮޅު ލަންކާއަށް ދިމާވި އިގްތިސޯދީ ކާރިސާއިން އަރައިގަތުމަށް ބައިނަލްއަގުވާމީ މާލީ އިދާރާ, އައިއެމްއެފްގެ ޕެކޭޖު ނަގާ އެޅި ފިޔަވަޅުތަކުން ހެޔޮ ބަދަލު ފެންނަން ފަށައިފި ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.

އައިއެމްއެފްގެ ފަރާތުން ލަންކާއަށް ކަނޑައަޅާފައި ހުންނަ މިޝަން ޗީފް ޕީޓާ ބުރިއޯ ވިދާޅުވީ 70 ޕަސެންޓުގައި ހުރި އިންފްލޭޝަން ރޭޓުން މިދިޔަ މަގު 5.9 ޕަސެންޓު ދަށަށް ޖެހިލައިފި ކަމަށެވެ. އަދި ގައުމުގެ އިގުތިސޯދު މިދިޔަ އަހަހަރު ނިމުނު އިތު ފުޅާވާން ފަށާފައި ވާ ކަމަށާއި އެއީ 2022 ގެ އެ ތަދުގަނޑަށް ފަހު އަރައިގަންނަމުން ދާ ކަމުގެ ސިގްނަލެއް ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

އައިއެމްއެފްގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިގުތިސޯދީ ދުވެލީގެ ކުރިއެރުން ހުރީ 1.6 ޕަސެންޓުގައި ނަމަވެސް ފަހު ކުއާޓަރުގައި ދުވެލި ހުރީ 4.5 ޕަސެންޓުގައެވެ.

ލަންކާ ބަނގުރޫޓުވެ ބަނޑަށް ޖެހުނު ހާދިސާގައި ގައުމުން ކާބޯތަކެއްޗާއި ތެލާއި ބޭސް ހުސްވެގެން ނުވަތަ އެކަށް ހުއްޓިގެން ދިޔައެވެ. އެ ތަދުގަނޑުގެ ތެރޭގައި އާންމުން މަގުތަކަށް ނިކުމެ އޭރުގެ ރައީސަކަށް ހުންނެވި ގޮތަބަޔާ ރާޖަޕަކްސަގެ ސަރުކާރުވެސް ވަނީ ވައްޓާލާފައެވެ.

އެއާއެކި 2022 ގެ އޭޕްރީލްގައި 83 ބިލިއަން ޑޮލަރުގެ ދަރަންޏާއެކު ގައުމު ބަނގުރޫޓު ވެއްޖެކަން އިއުލާން ކުރިއެވެ. އެ ދަރަނީގެ ދެބައިކުޅަ އެއްބަޔަށް ވުރެވެސް ބޮޑީ ބޭރުގެ ދަރަންޏެވެ.

އެއާއެކު ގައުމު ސަލާމަތް ކުރުމަށް އާ ރައީސަކު އައްޔަން ކޮށް މިދިޔަ އަހަރު އައިއެމްއެފްގެ އެހީއަށް އެދިފައި ވާ އިރު އައިއެމްއެފް އިން ވަނީ 4 އަހަރުން ދޭގޮތަށް 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖެއް [ލޯން ފެސިލިޓީ އެއް] ލަންކާއަށް ހަމަޖައްސައިދީފައެވެ. އެ ފައިސާ އައިއެމްއެފް އިން ލަންކާއަށް ދީކުރަމުން ގެންދާނީ އައިއެމްއެފްއިން އަޅަން ބުނެފައި ވާ އިގްތިސޯދީ ފިޔަވަޅުތައް އަޅާ ޓެކްސްގެ ނިޒާމު ހަރުދަނާކޮށް ރިކަރަންޓް ހަރަދުތަކަށް ގެންނަން ޖެހޭ ބަދަލުތަކާ އެކު އަހަރަކު ދެފަހަތު މުތޯލިއާ ކުރަމުންނެވެ.

މިހާތަނަށް 2 ޕޭމަންޓް ލަންކާއަށް ލިބިފައި ވާ އިރު އެގައުމުގެ ބޭރުގެ ދަރަނީގެ އެންމެ ބޮޑެތި ހިއްސާ އޮތް ގައުމުތައް ކަމަށް ވާ އިންޑިއާ, ޗައިނާ އަދި ޖަޕާން އިން ވެސް މިހާރު ވަނީ ދަރަނި ދެއްކުމުގައި ލުއިތައް ދީ މުއްދަތު ދަންމާލަދީފައެވެ. ދަރަނި ނަގާފައި ވާ އަމިއްލަ ފަރާތްތަކުން ވެސް ލުއި ހޯދުމަށް ލަންކާ ސަރުކާރުން ވާހަކަ ދައްކަމުން އަންނަ އިރު އައިއެމްއިފް މިހާރު ދަނީ ލަންކާގެ މާލީ އަދި އިގްތިސޯދީ ހާލަތާ ގުޅޭ ރިޕޯޓުތައް ދިރާސާ ކުރަމުންނެވެ.

މާލީ ހަބަރުތައް ބުނާގޮތުން އެ ދިރާސާއަށް ފަހު 3 ވަނަ ޕޭމަންޓަށް ވާ 337 މިލިއަން އައިއެމްއެފް އިން ދޫކުރާނެއެވެ.