ދިވެހިރާއްޖޭގައި މިއަދު ޒަމާނީ ފެންވަރުގެ ސްކޫލުތަކާއި ކޮލެޖުތައް އަދި އެހެނިހެންވެސް ތައުލީމު ފޯރުކޮށްދޭ ސެންޓަރުތައް ގާއިމްވެފައި އެބަހުއްޓެވެ. ނަމަވެސް ދިވެހިންގެ ތާރީހުގެ 50އަކަށް އަހަރު ފަހަތަށް ޖެހިލާއިރު ފެންނަ މަންޒަރު ތަފާތެވެ. އޭރު ރާއްޖޭގެ ގިނަ ރަށްރަށުގައި ސްކޫލުތައް ނުވަތަ ކޮލެޖްތައް ގާއިމް ކުރެވިފައެއް ނުހުރެއެވެ. ކިޔަވަން ދަނީ އެދުރުގެ ނުވަތަ ކިޔަވާ ގެއަށެވެ. މައިގަނޑު ގޮތެއްގައި ގުރުއާން ކިޔަވައިދެމުން ދިޔަ އެ ދުވަސްވަރުގައި އެދުރުދައިތައިންނާއި އެދުރުބެއިން ކިޔަވައިދީ އުޅުނީ އަގަކާ ނުލައެވެ.
ރަށްރަށުގައި ތިބި އެދުރުންނަށް އެ ރަށެއްގެ މީހުން ވަރަށް އިހްތިރާމްކޮށް އުޅުނެވެ. ކިޔަވައިދިނުމުގެ އަގެގެއްގެ ގޮތުން ސީދާ ވަކި އެއްޗެއް ނުވަތަ ފައިސާ ނުދިން ނަމަވެސް ކުދިން ކިޔެވުމުގައި ކުރިއަރަމުން ދާ ވަރަކަށް އެދުރު މީހާއަށް ކޭން ކައްކާފައި ދިނުމަކީ އޭރު ކުރަމުން ދިޔަ ކަމެކެވެ. ކުއްޖަކު ހަތިމް ނިންމާ ދުވަސް އެއީ ހަމަ އީދެއް ކަހަލަ ދުވަހެކެވެ.
ހދ. ކުމުންދޫ ދަނބުގަސްދޮށުގޭ އުމުރުން 75 އަހަރުގެ ސަކީނާ އީސާ (ސަކިންތަ)ގެ ވެސް ހުރީ މިފަދަ ހަނދާންތަކެވެ. އަމިއްލައަށް ކިޔަވަން އުޅުނުއިރު އެކަންކަން ކުރިއަށް ދިޔަ ގޮތާއި ކިޔަވައިދިނުމުގައި އެތައް އަހަރުތަކެއް ހޭދަކޮށްފައިވާ ސަކިންތަ ވަނީ އޭނާގެ ތަޖުރިބާ އަދި ހަނދާންތައް 'ދަ ޕްރެސް' ގެ ޓީމާ ހިއްސާކޮށްފައެވެ.
ސަކިންތަ ކިޔެވި ދުވަސްވަރު ކަންކަން ކުރިއަށް ދިޔަ ގޮތް
ސަކިންތަ ކިޔަދިން ގޮތުގައި އޭނާ ކިޔަވަން ދިޔަ ދުވަސްވަރު ފުރަތަމަ ލިޔެ އުޅެނީ ވޮށުފިލާގައެވެ. ވޮށުފިލާގައި މަށި ހޭކުމަށްފަހު އޭރު ލިޔަން ބޭނުން ކުރަނީ ދެލިން ހަނދާފައި ހުންނަ ދަވާދެކެވެ. އެ ދަވާދަކީ ނާށި ދެލި ފަދަ ދެލި އަންދައިގެން ފުނޑައިގެން ހަދާ ދަވާދެކެވެ. އަދި އެދުރުދައިތަ ލިޔާ ފިލާވަޅު ދަސްކޮށް، ކިޔާ ދިނުމުން ދެން އާ ފިލާވަޅެއް ލިޔުމަށްޓަކައި ވޮށުފިލާ ދޮވުމަށްފަހު އެ ފެންފޮދު ބޯލަނީ ކަމަށް ސަކިންތަ ބުނެއެވެ. ދެން މަށިލާ ހިއްކުމަށްފަހު، އާ ފިލާވަޅެއް ވޮށުފިލާގައި އެދުރުދައިތަ ލިޔެދޭކަން ސަކިންތަ ފާހަގަ ކުރިއެވެ. އަދި ފަންސުރު ލިބެން ފެށުމާއެކު ލިޔަން ބޭނުން ކުރަމުން ދިޔައީ ފަންސުރު ކަމަށް ސަކިންތަ ބުނެއެވެ.
ކިޔަވަންދާ ދަރިވަރަށް ލިބެމުންދާ ކުރިއެރުމާއެކު އެދުރުގެއަށް އެކިހަލަ ކެއުންތައް ގެންދިއުމަކީ އެ ޒަމާނުގައި ފޯރީގައި ކުރަމުން އައި ކަމެކެވެ. އެގޮތުން ސަކިންތަމެން ކިޔަވަން އުޅުނު ދުވަސްވަރު ކުދިން އަކުރު، ފިލި އަދި ކަލިމަ ކިޔަން ދަސްކޮށް ފާތިހާ ސޫރަތާ ހިސާބަށް ދިއުމުން ވެސް އެދުރު މީހާއަށް ކޭން ނުވަތަ ފަރިވަޅު ގެންދެއެވެ. ހަމައެއާއެކު އަންމާ ފޮތް ދަސްކޮށް ހަތިމްއަށް އެރުމުން ވެސް އެދުރަށް ކެއުމެއް ދޭ ކަމަށް ސަކިންތަ ބުނެއެވެ.
ކުއްޖާ އެއްކޮށް ހަތިމް ކިޔާ ނިންމާ ހަތިމްދުއާ ކިޔުމާއެކު މުޅި ރަށުގެ ރައްޔިތުންނަށް އެ ދުވަސްވަރު ކެއުމެއް ދެއެވެ. ސަކިންތަ ބުނި ގޮތުގައި ރައްޔިތުންނަށް ކާން ދިނުމުގެ އިތުރުން ހަތިމް ނިންމުމާއެކު އެދުރުގެއަށް ހާއްސަ ކޭމެއް އޭރު ގެންދެއެވެ. އެފަދަ ކަންކަމާ ގުޅިގެން ބައެއް ކުދިން ބޮނޑިބަތް ގެންދާ ކަމަށް ސަކިންތަ ވަނީ ބުނެފައެވެ.
އެދުރެއްގެ ގޮތުގައި ސަކިންތަ
ސަކިންތަ އެދުރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ އޭނާގެ އުމުރުން ގާތްގަނޑަކަށް 16 އަހަރުގައެވެ. ތައުލީމު ދިޔާނާ 1 ދަސްކުރުމަށްފަހު، ކިޔަވައިދޭން ފެށި ސަކިންތަ ބުނީ އޭނާ ކިޔަަވައިދީ އުޅުނީ އަންމާ ފޮތުން ކަމަށެވެ. ކިޔެވުމަށްޓަކައި އޭނާގެ ގާތަށް އައި ކޮންމެ ކުއްޖަކަށް ވެސް އޭނާ ވަނީ ކިޔަވާދީފައެވެ.
އަގެއް ކިޔުމަކާ ނުލައި އެ މަސައްކަތް ކުރި ސަކިންތަ ބުނާ ގޮތުގައި ބައެއް ބެލެނިވެރިން އޭނާއަށް ފައިސާ ދޭ ކަމަށެވެ. އޭރު އެކަމުގެ އުޖޫރައެއްގެ ގޮތުގައި ބައެއް ބެލެނިވެރިން ވަނީ ސަކިންތައަށް 50 ލާރި، 5 ރުފިޔާ ނުވަތަ 10 ރުފިޔާ ވެސް ދީފައެވެ. ސަކިންތަގެ ދުވަހުގެ ގިނަ ވަގުތުތަކެއް އޭރު ހޭދަ ކުރަނީ ކުދިންނަށް ގުރުއާން ކިޔަވައި ދިނުމުގައެވެ.
އެ ދުވަސްވަރުގައި ސަކިންތަ ހެނދުނު 7:00ގައި ކިޔަވައިދޭން ފަށައެވެ. ހެނދުނުން ފެށިގެން މެންދުރު 12:00އާ ހަމައަށް ކިޔަވައިދިނުމަށްފަހު، މެންދުރުފަހު 1:00ގައި ސަކިންތަ އަނެއްކާވެސް ކިޔަވައިދޭން ފަށާއިރު ދުވަހުގެ ކިޔަވައިދިނުން ނިންމާލަނީ ހަވީރު ވަގުތަށެވެ. އެދުރެއްގެ ގޮތުގައި ސަކިންތަ ހޭދަ ކުރި ދުވަސްތަކުގައި ހަތިމް ކިޔަވަން ފެށުމުން އަދި ނިންމުމުން އޭނާގެ ދަރިވަރުން ފަރިވަޅު ދޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ދިވެހިންގެ ތެރޭގައި އޮތް މި އާދަ މަޑުމަޑުން ނެތެމުން ގޮސްފައިވާކަން ސަކިންތަ ފާހަގަ ކުރެއެވެ.
އުމުރުން 16 އަހަރުން ފެށިގެން ކިޔަވައިދޭން ފެށި ސަކިންތަގެ ހިތުގައި މި މަސައްކަތަށް އޮތް ލޯތްބާއެކު އޭނާ ވަނީ މި މަސައްކަތް ދާދި ފަހަކާ ޖެހެންދެން ވެސް ކޮށްފައެވެ. ކިޔަވައިދިނުމުގެ މަސައްކަތް ސަކިންތަ ހުއްޓާލީ މުސްކުޅިވަމުންދާ ވަރަކަށް ފެނުމަށް ދަތިވުމާއި އަޑުލާ ކިޔުމުގައި ކުރިމަތިވާން ފެށި އުނދަގޫތަކުގެ ސަބަބުންނެވެ. އުމުރުގެ ބޮޑު ބައެއް އެދުރެއްގެ ގޮތުގައި ހޭދަ ކުރި ސަކިންތަ ބުނާ ގޮތުގައި ކުދިންނަށް އުނގަންނައި ދިނުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭ ކަމެކެވެ.