ޓެކްސީއެއްގައި މަސްތުވާތަކެތި އުފުލި މީހަކު 25 އަހަރަށް ޖަލަށް ލާން ހުކުމްކޮށް 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އިއްޔެ އެ ކޯޓުން އިއްވި އެ ހުކުމަކީ 2021 ވަނަ އަހަރު ބޮޑުތަކުރުފާނު މަގު މޭރީ ބްރައުން ކައިރިން ޓެކްސީއެއްގައި މަސްތުވާތަކެތި ހިފައިގެން ދާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކާރުގެ ޑިކީ ތެރެއިން ފެނުނު ލަގޭޖް ފޮށީގެ ތެރޭގައި އޮތް 24 ރަބަރު ޕެކެޓާއި ބެކްޕެކެއްގެ ތެރެއިން ފެނުނު 4 ރަބަރު ޕެކެޓުގެ މައްސަލައިގައި ދައުލަތުން އުފުލި ދައުވާއެވެ.

މި ދައުވާ ތިން މީހެއްގެ މައްޗަށް އުފުލި ނަމަވެސް ދައުވާ ސާބިތުވެފައި ވަނީ ގދ. ހޯނޑެއްދޫ / ގުލޭނޫރަންމާގެ އަލީ ޒުބައިރުގެ މައްޗަށެވެ. މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ ފަރާތުން ގިނަ ތަންތަން ބަލާ ފާސްކޮށްފައިވާއިރު، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި ގުޅުންހުރި މަސްތުވާތަކެތި ފެނިފައިވަނީ، ތިން ތަނަކުން ނުވަތަ ތިން ސީން އަކުންކަން ޕްރޮސިކިއުޝަންގެ ދައުވާ ފޯމަށް އަދި ހެކީންގެ ހެކިބަހަށް ބެލުމުން އެނގެއެވެ.

އެއީ ޓެކްސީއާއި އަލީ ޒުބައިރު ދިރިއުޅޭ މއ.ކަނޑޫގޭގެ ސެކަންޑް ފްލޯގެ ކޮޓަރީގެ އިތުރުން ހުޅުމާލެ ރަބަރުގަސްމަގުގެ 03 ނަންބަރު ގޯޅީގައި އޮތް ހުދުކުލައިގެ ކާރަކުންނެވެ. މި ތިން ސީން އިން ވަނީ 118,117.4 ގްރާމްގެ ޑައިމޯފިން ފެނިފައެވެ. ދައުލަތުން މިމައްސަލައިގައި ވަނީ ވީޑިއޯ އެންޑް އިމޭޖް އެނަލައިސިސް ރިޕޯޓު ހުށަހަޅާފައެވެ. އަދި ހަމައެހެންމެ ދައުލަތުން ވަނީ އެކި އެކި ފުލުހުންގެ ހެކިބަހާއި ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓުގެ އިތުރުން ފިޒިކަލް އެގްޒެމިނޭޝަން ރިޕޯޓު ހުށަހަޅާފައެވެ.

މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ވަނިކޮށް މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރު ބަދަލުވި ނަމަވެސް މައްސަލަ އޮތް ހިސާބުން ކުރިއަށް ގެންގޮސްފައިވެއެވެ.

ހެކިންގެ ހެކިބަހާއި އަދި އެހެނިހެންވެސް ހެކިތަކަށްބަލާ މި މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހްސާން ވަނީ ޒުބައިރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ، 25 އަހަރަށް ޖަލަށް ލުމާއެކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ނަމަވެސް ބަންދުގައި ޖަލުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ޒުބައިރުއަށް ވަނީ 22 އަހަރާއި 8 މަސްދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ. އަދި ޖޫރިމަނާ ފައިސާގެ އަދަދު ކުރިއަށް އޮތް 1 އަހަރު ދުވަހުގެ ތެރޭ މީރާއަށް ދައްކާ ހަލާސް ކުރުމަށް އެ ހުކުމުގައި ވެއެވެ. ނަމަވެސް މި ކުށުގައި ބައިވެރިވި އަނެއް ދެ މީހުން ކުށް ސާބިތު ނުވާ ކަމަށް ގާޒީ އިހްސާން ވަނީ ހުކުމް ކުރައްވާފައެވެ.