8 ޗައިނާ ސައުތު އޭޝިއާ އެކްސްޕޮޒިޝަން އަދި 28 ވަނަ ކުންމިން އިމްޕޯޓް އަދި އެކްސްޕޯޓް ފެއާ ގައި ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ޖޫން މަހުގެ 18 އިން 23 އަށް ނުވަތަ ޖުލައި މަހުގެ 23 އިން 28 ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިން ގައި ބާއްވާ މި ފެއާގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ.

ރާއްޖޭގެ ވިޔަފާރިތަކުގެ ތެރެއިން، މި އެކްސްޕޯގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު، އީމެއިލް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ބުނީ މިއެކްސްޕޯގައި ބައިވެރިވުމަށް ލިބިފައިވާ ފުރުސަތަކީ ރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓް ކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަމުގައެވެ. ސީއެސްއޭ އެކްސްޕޯއަކީ ޗައިނާގެ އިތުރުން ދުނިޔޭގެ އެކިއެކި ގައުމުތަކުގެ ވިޔަފާރިތަކާ އަދި އާންމު ފަރާތްތަކުން ޒިޔާރަތްކުރާ އެކްސްޕޯއެކެވެ.

ދިވެހިރާއްޖެއިން މީގެ ކުރިންވެސް ކުންމިން ފެއާގައި ބައިވެރިވެފައިވާއިރު، މި ފެއާގައި ބައިވެރިވާ ގިނަ ކުންފުނިތަކަކީ ޗައިނާއިން ބޭރުގެ ކުންފުނިތަކެވެ.