ދިވެހިރާއްޖެއިން ތުރުކީ ވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މިކަން އިއުލާނު ކުރައްވާފައެވެ.
ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީދަތުރުފުޅަށްފަހު ދެ ގައުމުގެ ދޭތެރޭ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ ދެ ގައުމުން އެކަށައަޅާ ހާއްސަ ބައެއް މުދާ އެކުލެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ތުރުކީއަށް ރަސްމީދަތުރުފުޅެެއް ކުރައްވާފައެވެ. އަދި އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުމާ ގުޅޭގޮތުން ވަނީ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ.
ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ހިނގާ ވިޔަފާރީގެ މުއާމަލާތްތައް މި އަހަރުގެ ތެރޭގައި ދެ ގުނައަށް އިތުރު ކުރައްވާނެ ކަމަށް ވެސް ރައީސް މުއިިއްޒު ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ފަތުރުވެރިކަން ފަދަ ސިނާއަތްތަކުން ދިވެހިރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް ތުރުކީވިލާތުގެ ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާކަން ވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އިއާދަކުރަނިވި ހަކަތަ އުފެއްދުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާމެދު މަޝްވަރާ ކުރައްވާ، ސަރުކާރުގެ ތަރައްގީގެ އެޖެންޑާއާމެދު އެ ދަތުރުފުޅުގައި ވަނީ މަޝްވަރާކުރައްވާފައެވެ.