ތިލަފުށީގެ ސިނާއީ ބޭނުންތަކަށް ހާއްސަކޮށްފައިވާ ސަރަހައްދުން ބިން ވިއްކުމަށް ހުޅުވާލައިފިއެވެ.

އެޗްޑީއެފްސީ އިން، އޮންލައިން ކޮށް އެޕްލައި ކުރެވޭ ގޮތަށް ހުޅުވާލާފައިވާ ބިޑް ޕޯޓަލްގައި ރަޖިސްޓްރީ ވެގެން ބިން ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު ވިޔަފާރީގެ އެކި އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ މުޅި ޖުމްލަ 108 ޕްލޮޓް ވިއްކުމަށް ހުށަހަޅާފައިވެއެވެ.

އެގޮތުން 2،500-4،999 އަކަފޫޓުގެ 64 ޕްލޮޓް، 5،000-9،999 އަކަފޫޓުގެ 42 ޕްލޮޓާއި 10،000-14،999 އަކަފޫޓުގެ 2 ޕްލޮޓް ބިޑަށް ހުޅަހެޅޭނެއެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެރަށުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުން ދެއެވެ. އަދި ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ އެކު، މުދާ ކްލިއާ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެ އާއި ރަށްތަކަށް ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން މިހާރު ކުރިއަށް ދާ ތިލަ-މާލެ ބްރިޖް މެދުވެރިކޮށް ތިލަފުއްޓާއި މާލެ ގުޅުވާލުމުން ވިޔަފާރި މުދާ އުފުލުމުގައި ލުއިފަސޭހަވެ، މުދާ ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވެގެން ދާނެއެވެ. ތިލަފުށްޓަކީ ވިޔަފާރިވެރިނަނަށް ފަހި ފުރުސަތުތަކެއް ގެނެސްދިނުމުގެ ބޭނުމުގައި ޒަމާނީ ފެނަވަރަށް ތަރައްގީ ކުރެވެމުން އަންނ ރަށެކެވެ.