ސަރުކާރުން ހަދިޔާ ކުރި ކާޑުގެ ބާވަތްތައް އައްޑޫ ސިޓީން ދޫ ކުރަށް ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ހަދިޔާކުރަމަށް ހަމަޖެހިފައިވާ ކާޑު (10 ކިލޯ ބާސްމަތީ ހަނޑޫ / 10 ކިލޯ ފުށް) މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ތަކެތި ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:

  • ހުކުރުދުވަސް ފިޔަވައި ކޮންމެދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 15:00 އަށް
  • ރޭގަނަޑު 21:00 އިން 23:00 އަށް

ކާޑުދޫކުރުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ކުރީގެ ހިތަދޫ އަވަށު އޮފީހުގައެވެ. ބަލާ ދާ ފަރާތްތަކުން އައިޑީ ކާޑު ހިފައިގެން ދިއުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިރުޝާދު ދީފައެވެ.

ސަރުކާރުން ރޯދަމަހަށް ހާއްސަ ކޮށްގެން ކޮންމެ ގޭބީސީ އަކަށް ދޫކުރަން ނިންމާފައިވާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ދޫ ކުރަން މާލޭގައި ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ހަދިޔާ (ހަނޑުލާއި ފުށް) ދޫކުރަން ހަމަޖެހިފައި ވަނީ ދިވެހިންނަށް އެކަނިކަން އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ހަނޑޫ އަދި ފުށް ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ނަންބަރު ނޯޓުކުރުމަށްފަހު ކަމަށް އެ ކުންފުނިން ބުނެއެވެ.