ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައި ހެދުމަށް ހަމަޖެހިފައިވާ ކެޓް ޝެލްޓާ އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތާއެކު އެކަމުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމާއި މިނިސްޓްރީ އޮފް އެގްރިިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމް އަހުމަދުއެވެ.

އެ ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިއަދު ފަށައިގަނެވުނީ ފެންސް ޖެހުމުގެ މަސައްކަތް ކަމަށާއި ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި ހަމައެހެންމެ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިމާރާތުގެ މަސައްކަތް ފެށުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ކެޓް ޝެލްޓާ އެޅުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އާޒިމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ / ފޮޓޯ: މާލެ ސިޓީ ކައުންސިލް

ބުޅަލުގެ މައްސަލައަކީ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށްވެސް ދަތިވެފައި އޮތް މައްސަލައެއްކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ފެސިލިޓީ ގާއިމް ކުރެވޭނެ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުންވެސް ވަރަށް ބޮޑަށް ބާރު އަޅުއްވަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ މުޖުތަމައުއެއް އުފެދި ކުރިއަށްދާއިރު އެ މުޖުތަމައު ތެރޭގައި ލޯތްބާއި އޯގާތެރިކަން އުފައްދަން ޖެހޭ ކަމަށް. ޖަނަވާރު ދެކެ ލޯބިވާ މުޖުތަމައު އަކީ ވަރަށް އޯގާތެރި މުޖުތަމައުއަށް. ކުރިއަށްއޮތް ދެމަސް ތެރޭގައި ފެސިލިޓީ ގާއިމު ކުރެވޭނެ ކަމަށް، ބުޅާތައް ނިއުޓާ ކުރެވިގެން މިތާނގައި ގެންގުޅެވޭނެ. ސަރުކާރުން ވެސް ވަރަށް ބޮޑަށް ބާރު އެބައަޅާ މި މަސައްކަތް އަވަހަށް ކުރުމަށް، ކައުންސިލުން ވެސް މަސައްކަތް ކުރަމުން ގެންދަނީ އެ އަމާޒަށް،" މާލެ ސިޓީ މޭޔަރު، އާޒިމް ވިދާޅުވިއެވެ.

މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ހާއްސަ ޝެލްޓާއެއް ގާއިމް ކުރުމަށް 5000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނެވެ. މާލޭ ސަރަަހައްދުގައި ދިރިއުޅޭ ބުޅާތައް ބެލެހެއްޓުމަށް ވަގުތީ ފެސިލިޓީ ނިމޭއިރު ބުޅާތަކަށް ހާއްސަ ހޮޓަލަކާއި ޕާކެއްގެ އިތުރުން ފިހާރައެއް ހުންނާނެއެވެ. ވަގުތީ ޝެލްޓާ އެޅުމަށް ސިޓީ ކައުންސިލާ ހަވާލުކޮށްފައި ވަނީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

މާލޭގައި ބުޅަލުގެ އާބާދީ 3000 އަށް އަރާނެ ކަމަށާއި އެކަމަށް އެދެވޭ ހައްލެއް ނުލިބިއްޖެނަމަ ބުޅަލުގެ އާބާދީ 9000 އަށް އިތުރުވާނެ ކަމަށް މާލެ މޭޔަރު އާދަމް އާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.