އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެންބަރުން އައްޔަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތަށް ގާނޫނަށް އިސްލާހެއް ގެނައުމަށް މަޖިލީހުގެ މެޖޯރިޓީ އޮންނަ އިދިކޮޅު އެމްޑީޕީން ހުށަހަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް އިސްލާހެއް ހުށަހެޅުއްވިީ ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔޫނުސް އަލީއެވެ. އޭނާ ހުށަހެޅި އިސްލާހުގައި ވަނީ އީސީ އަށް މެންބަރުން އައްޔަން ކުރުން ރައްޔިތުންގެ މަޖިލީހަށް އޮތުން މުހިންމު ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން، އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގެ ބާރު މިހާރު ލިބިފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ގާނޫނު މިހާރު އޮންނަ ގޮތުން މެންބަރު ކަމަށް އާންމުކޮށް އިއުލާނު ކޮށްގެން ހުށަހަޅާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ހުށަހަޅަންޖެހެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް މެންބަރަކު އައްޔަން ކުރެއްވޭނީ މަޖިލީހުން ފާސްކުރުމުންނެވެ.

އެހެންނަމަވެސް މެންބަރު ޔޫނުސް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމާ، ކުރިމަތިލާ މީހުންގެ ނަންތައް ދިރާސާކުރުމާ، މަޖިލީހުގެ އައުލަބިއްޔަތުން ފާސްކޮށްގެން، އީސީގެ މެންބަރުން އައްޔަން ކުރުމުގެ ބާރު މަޖިލީހަށް ލިބޭ ގޮތަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. އެ އިސްލާހުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އަށް ދީފައިވާ ދައުރަކީ އީސީގެ މެންބަރުކަމަށް މަޖިލީހުން ފާސްކުރާ ބޭފުޅަކު އައްޔަން ކުރެއްވުން އެކަންޏެވެ.