މިފްކޯގެ ސީއީއޯ އަދި އެމްޑީ އަހުމަދު ޝަމާހް ރަޝީދު އާ ގުޅޭ މައްސަލައެއް ބަލާތީ އޭނާ ސަސްޕެންޑް ކޮށްފި ކަމަށް ޕްރަިވަޓައިޒެޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފިއެވެ.

ޕީސީބީން ނެރުނު ކުރު ބަޔާނެއްގައި ބުނީ، ޝަމާހު އާ ގުޅޭ ކޯޕަރެޓް ގަވަނަންސް އާ ގުޅޭ މައްސަލަަކެއް ޕީސީބީއަށް ހުށަހަޅާފައި ވުމުން ބަލަމުން ދާ ކަމަށާއި އެ އިންކުއަރީ ފުރިހަމަ ކުރުމުގެ ބޭނުމަށް 14 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރާ ކަމަށެވެ.

ޕީސީބީން ހަވާލާ ދީފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމާ ބެހޭ އުސޫލަށެވެ. އަދި ރިޔާއަތް ކުރަނީ އެ އުސޫލުގެ 25 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންމަރުގައި ވާ ހާލަތަށް ކަމަށް ވެސް ބުނެފައި ވެއެވެ.

ޝަމާހު އާ ބެހޭ ގޮތުން ޕީސީބީއަށް ހުށަހެޅި ޝަކުވާގެ ލިސްޓު ދިގެވެ. އޭގެ ތެރޭގައި އޭނާގެ އާއިލީ ގުޅުން އޮންނަ ފަރާތްތަކާއި ރައްޓެހިންނަށް ކުންފުނީގެ ވަޒީފާ ދިނުން ފަދަ ބޮޑެތި ތުހުމަތުތައް ހިމެނެއެވެ.

ޖުމްލަ 12 ކަމެއް ފާހަގަ ކޮށް ސީއީއޯ އަހުމަދު ޝަމާހު ރަޝީދަށް އެޑްރެސް ކޮށް ޕީސީބީން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ, މިފްކޯއާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ފާހަގަވެފައި ވާ ކަމަށާއި ކޯޕަރޭޓް ގަވަނަންސް ކޯޑާއި ޕީސީބީން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ކަންކަން ކޮށްފައި ވާކަން ފާހަގަ ވެފައި ވާތީ އެފަދަ ކަންކަން ވަގުތުން ހުއްޓާލުމަށެވެ.

މި މައްސަލައްތައް ފާހަގަ ކޮށް ޕީސީބީގެ ފަރާތުން ރައީސް ހަމްދީ އަގީލް ސޮއިކުރައްވައި ސީއީއޯއަށް އިންޒާރުގެ ސިޓީއެއް ފޮނުވާފައި ވާ އިރު ޝަމާހުގެ ބަހެއް މިކަމުގައި ލިބިފައެއް ނުވެއެވެ.

"ދަ ޕޮރެސް" އިން ކޮމެންޓް ހޯދުމަށް ޝަމާހު އަށް ގުޅުމުން އޭނާ ވަނީ ފޯނު ކަނޑުއްވާލައްވާފައެވެ.