ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން މީހުން ހަމަނުވުމާ ގުޅިގެން ފޮށި ނުބަހައްޓަން ނިންމާފައިވާ ތަންތަނުގެ ފަރާތްތަކަށް އެހެން ފޮއްޓަކަށް ރީރެޖިސްޓާ ކުރުމުގެ ފުރުސަތު އީސީ އިން ހުޅުވާލައިފިއެވެ.

މިއަދު ކުރި އިއުލާނެއްގައި އީސީ އިން ބުނެފައިވަނީ މީހުން ހަމަނުވުމގެ ސަބަބުން ރިސޯޓު ތަކުގެ އިތުރުން ރާއްޖެއިން ބޭރު އަދި ސިނާއީ މަސައްކަތްކުރާ ބައެއް ތަންތަނުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ވޯޓު ފޮށި ނުބަހައްޓާ ރިސޯޓު ތަކަކީ:

  • ނ. މެދުފަރު އައިލެންޑް
  • ރ. ބޮޑުފުށި
  • ބ. ފޮނިމަގޫދޫ
  • ބ. ކަނުފުށި
  • ޅ. ކުރެއްދޫ
  • ޅ. ކަނިފުށި
  • ކ. އޮޅުވެލި
  • ކ. ކަނޑޫމާފުށި
  • ކ. ކަނުއޮތްހުރާ
  • ކ. ހެލެނގެލި
  • އަދ. މޫފުށި
  • އދ. ދިއްދޫ ފިނޮޅު
  • ބ. މިލައިދޫ
  • ލ. ކުޑަވިލިނގިލި
  • ކ. އޮޅަހިލި
  • ކ. ބަރޮސް
  • ނ. ދިގުރަށް
  • ހއ. މަނަފަރު
  • ކ. މާރަންފުށި
  • ދ. ކަނޑިންމާ
  • ބ. ކުންފުނަދޫ
  • އދ. ހުރުއެޅި
  • އަދ. މައްޗަންފުށި

މި ރިސޯޓުތަކުގެ އިތުރުން ސިނާއީ މަސައްކަތްކުރާ ކ. ހުޅުލޭގައިވެސް ވޯޓު ފޮށި ނުބެހެއްޓުމަށް ވަނީ ނިންމާފައެވެ. އަދި މީހުން ހަމަނުވުމާ ގުޅިގެން ތައިލެންޑާއި އިނގިރޭސިވިލާތުގެ އިތުރުން އެކުވެރި އަރަބި އިމާރާތުގައިވެސް ވޯޓު ފޮށި ނުބެހެއްޓުމަށް ވަނީ ނިންމާފައެވެ.

މި ފަރާތްތަކަށް މާޗު 18 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 އިން ފެށިގެން މާޗު 19 ވާ އަންގާރަ ދުވަހުގެ މެނަދުރުފަހު 03:00 ގެ ނިޔަލަށް ރީރެޖިސްޓާ ވުމަށް އީސީ އިން ވަނީ އެދިފައެވެ. އަދި އޮންލައިން ކޮށް ރެޖިސްޓާ ކުރަން ބޭނުންވާ ފަރާތްތަކަށް އީސީގެ ރީރެޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ކުރެވޭނެކަމަށް ވަނީ ބުުނެފައެވެ.

އޮންލައިންކޮށް ޕޯޓަލް މެދުވެރިކޮށް ރީރެޖިސްޓާ ވުމަށް ހުށަހަޅާއިރު ރަޖިސްޓަރީވުމަށް އެދޭ ފަރާތުގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ބޭނުންވާނެ ކަމަށާއި، ވެރިފައިޑް އީފާސް މެދުވެރިކޮށްވެސް ހުށަހެޅޭނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.