ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވޯޓު ލުމަށް ރަޖިސްޓާ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެހެން ފޮއްޓަކަށް ރީރެޖިސްޓާ ކުރުމަށް ހުޅުވާލައިފިއެވެ.

އީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދައިން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކުގެ ލިސްޓެއް މިއަދު އާންމުކޮށްފައިވާ ކަމަށާއި، ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، އީސީ އިން އާންމުކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. މި ފަރާތްތަކުގެ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓުން އަދި ކޮމިޝަނުގެ ވެބްސައިޓު އިން ލިބެން ހުންނާނެއެވެ.

މީގެއިތުރުން އޮންލައިން ކޮށް ރެޖިސްޓާ ކުރަން ބޭނުންވާ ފަރާތްތަކަށް އީސީގެ ރީރެޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ކުރެވޭނެއެވެ. އީސީ އިން އިތުރަށް ބުނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން އޮންލައިންކޮށް ރެޖިސްޓާ ކުރުމަށް އެހީތެރިކަން ލިބިގެން ދާނެ ކަމަށެވެ.

އެގޮތުން މި ފަރާތްތަކަށް މާޗު 18 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 އިން ފެށިގެން މާޗު 19 ވާ އަންގާރަ ދުވަހުގެ މެނަދުރުފަހު 03:00 ގެ ނިޔަލަށް މި ފުރުސަތު ހުޅުވާލެވިފައިވާކަމަށް އީސީ އިން ވަނީ ބުނެފައެވެ.

އޮންލައިންކޮށް ޕޯޓަލް މެދުވެރިކޮށް ރީރެޖިސްޓާ ވުމަށް ހުށަހަޅާއިރު ރަޖިސްޓަރީވުމަށް އެދޭ ފަރާތުގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ބޭނުންވާނެ ކަމަށާއި، ވެރިފައިޑް އީފާސް މެދުވެރިކޮށްވެސް ހުށަހެޅޭނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.

އީސީ އިން އިތުރަށް ބުނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭ ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ ވޯޓު ލާންޖެހޭނީ އެ ފަރާތަކުން މިހާރުވެސް ރަޖިސްޓަރީވެފައިވާ ތަނަށް ކަމަށެވެ.