ޖަޒީރާ ނަމުގައި ހިންގާ ޓެލެގްރާމް ގްރޫޕުން ހަށިވިއްކުމަށް ހާއްސަ ޓެކްސިއެއް ބޭނުން ކުރާ ކަމަށާއި މި މައްސަލައިގައި ހައްޔަރު ކުރި ދެމީހުންނަކީ ދެމަފިރިން ކަން ހާމަވެއްޖެއެވެ.

މަސްތުވާތަކެއްޗާއި ބަދުއަހުލާގީ އަމަލުތައް އިސްތިހާރުކުރި 5 ޓެލެގްރާމް ޗެނަލެއް ސީޒްކޮށް ދެ މީހަކު ހައްޔަރުކޮށްފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުގައެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނަކު ހައްޔަރުކޮށް، ތަހުގީގަށް 30 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާ އިރު، މިއީ ދެ މަފިރިންނެވެ. އަދި އޭގެ ތެރެއިން އެކަކަކީ ގިނަ އަދަދެއްގެ ކުށުގެ ރިކޯޑް އޮތް މީހެއްކަންވެސް އެނގިފައި ވެއެވެ.

ފުލުހުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ސައިބާ ޕޮލިސް އިންވެސްޓިގޭޝަން އޮފިސަރު އިންސްޕެކްޓަ އޮފް ޕޮލިސް އާމިނަތު މުހައްމަދު ވިދާޅުވީ، ޖަޒީރާ އެޑްމިން އާއި ޖަޒީރާ ގާލްސް އާއި ޖަޒީރާ އެސްކޯޓް ގެލަރީ އާއި ޖަޒީރާ ސްކޭމް އެލާޓް އަދި ޖަޒީރާ ލިންކް ހަބަރު ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނައި އިރު ވެސް އެ ޗެނަލްތައް ފޮލޯ ކުރާ 7000 ކަސްޓަމަރުން ތިބި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ދިވެހިންނާއި ބިދޭސީންނެވެ.

އެ ހިދުމަތް ދިނުމަށް ބޭރުގެ އެކި ގައުމުތަކުން ބިދޭސީން ގެނެސްފައިވާ ކަމަށާއި ހަށިވިއްކުމުގެ ވިޔަފާރި ހިންގުމަށް ހާއްސަ ޓެކްސީއެއް ވެސް މި މައްސަލައިގެ ތަހުގީގުން ފާހަގަކުރެވިފައިވާ ކަމަށް އާމިނަތު ވިދާޅުވިއެވެ. މިއީ، ރާއްޖޭގައި މިހާތަނަށް އެންމެ ފުޅާދާއިރާގައި ހިންގި ޗެނަލް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން އާމްދަނީ ހޯދަން އެއްވެސް މަސައްކަތެއް ނުކުރިއަސް، އެ މީހުންގެ އެކައުންޓުތަކުން ފައިސާގެ ބޮޑެތި ޓްރާންސެކްޝަން ހިންގާފައިވާ ކަމަށް އާމިނަތު ވިދާޅުވިއެވެ. އެ ބޮޑެތި މައްސަލަތަކުގެ ތުހުމަތު އަދިވެސް ގިނަ ބަޔަކަށް ކުރަމުންދާ ކަމަށާއި އެ އިން ކޮންމެ މީހެއްގެ އެކައުންޓުން ވެސް ދެ މިލިއަނަށް ވުރެ ގިނަ ފައިސާ ދައުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލައިގައި އަދި ވެސް ގިނަ ފަރާތެއްގެ އެކައުންޓުތައް ބަލަމުންދާތީ، ތަހުގީގަށް އަދި ވަގުތު ނަގާނެ ކަމަށާއި، ތަހުގީގު ކުރިއަށް ދާތީ ހުރިހާ އެކައުންޓްތަކުގެ ތަފްސީލް ދެވެން ނެތް ކަމަށް އާމިނަތު ވިދާޅުވިއެވެ.

އޭޕްރީލް، 2023 ގައި އުފެއްދި އެ ޗެނަލްތައް ޖަޒީރާ އެންމެ ކުރިއަރާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިދިޔަ މަހުގެ ތެރޭގައި ކަމަށް ފުލުހުން ބުނެއެވެ. އަދި މި ވޭތުވެ ދިޔަ މުއްދތަުގައި އެ ޗެނަލް އެންމެ އެކްޓިވްކޮށް ހިންގާފައިވަ ނީ މެންދުރު 1:00 އިން 3:00 އާ ދޭތެރޭގައި ކަމަށް ވެސް ފުލުހުން ބުނެއެވެ. އެންމެ ގިނައިން އިޝްތިހާރު ކޮށްފައި ވަނީ، ބަނގުރާގެ ބާވަތްތަކާއި ފޯޖަރީކޮށްގެން ހަދާފައިވާ މެޑިކަލް ސެޓްފިކެޓާއި ހަޝިޝް ތެޔޮ އަދި ހަށިވިއްކުމާ ގުޅޭ ކަންކަމެވެ.