ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުންގެ ކަންތައްތައް ބެލެހެއްޓުމަށް އުފެއްދި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ ބާ ކައުންސިލުގެ ރައީސްކަމުގެ މަގާމަށް ހުސައިން ސިރާޖު އިންތިހާބުކޮށްފިއެވެ.

ބާ ކައުންސިލްގެ ރައީސް ކަމުގެ މަގާމު ހުސްވީ އެ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާއީލް ވިޝާމް އަވަހާރަވުމާއި ގުޅިގެންނެވެ.

މިއަދު، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ހޮވުމަށް ބޭއްވުނު އިންތިހާބުގައި ވޯޓުލުމަށް 991 މެންބަރުން ރަޖިސްޓްރީވެފައިވާއިރު ވޯޓުލާފައިވަނީ 396 ފަރާތަކުންނެވެ.

ބާކައުންސިލުގެ ރައީސްކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ހުސައިން ސިރާޖުއަށް 224 ވޯޓު ލިބުނު އިރު މުހައްމަދު ފައިސަލް އަށް ލިބުނީ 172 ވޯޓެވެ.

މީގެ އިތުރުން ބާކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވީ އަހްމަދު ޝިފާއުއެވެ.

ބާ ކައުންސިލް އެގްޒެކެޓިވް ކޮމެޓީގެ ދައުރަކީ ތިން އަހަރެވެ.