ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.

އެސްޓިއޯގެ ހިންގާ ގަވައިދުގައިވާ ގޮތުން އެ ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން 1 ޑިރެކްޓަރު އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން 6 ޑިރެކްޓަރުން އިންތިހާބްކުރަން ޖެހެއެވެ.

އެސްޓިއޯ އިން ބުނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީވެސް، ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަށް ބާރު އަޅާކަމަށެވެ. އަދި ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަނަންސް ކޯޑުގައި ބާރުއަޅާ ފަދައިން، ކުންފުނީގެ ބޯޑަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ޝައުގުވެރިކަން ފާޅުކުރެއްވުމާއި، އިންތިހާބުގައި ވާދަކުރުމަށްވެސް ބާރު އަޅާކަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ. އިތުރަށް އެ ކުންފުނިން ބުނީ މިއީ މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ކުންފުނީން ކުރަމުން ގެންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއްކަމަށެވެ.

އެސްޓިއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްރީލް 8، 2024 ވަނަ ދުވަހުގެ ކުރިން އެ ކަމަށް އެދި ހުށަހެޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު ހޮވުމަށް ހަމަޖެހިފައިވަނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.