އަސާސީ ކާބޯތަކެތީގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ 26 ބާވަތެއް، ކުރިއަށް އޮތް ރަމަޟާންމަހު އެސްޓިއޯގެ އައުޓްލެޓްތަކުން ހެޔޮ އަގުގައި ލިބެން ހުންނާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭހެން އަސާސީ ކާބޯތަކެތީގެ 26 ބާވަތް އެސްޓިއޯގެ އައުޓްލެޓްތަކުން މި ރަމަޟާން މަހު ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށެވެ.
އެސްޓިއޯ އިން މިދިޔަ އަހަރު އޮކްޓޯބަރު 15 އިން ފެށިގެން އަސާސީ ކާބޯތަކެތީގެ ގޮތުގައި އިތުރު ކޮށްފައިވާ ބާވަތްތައް ވިއްކުން ފުޅާކުރުމަށްޓަކައި މާލޭގެ ބާޒާރުމަތީގައި އާ ހޯލްސޭލް ފިހާރައެއްވެސް ވަނީ ހުޅުވާފައެވެ. މީގެ އިތުރުން އެ ކުންފުނިން ހަތަރު ކެޓެގެރީ އަކަށް ބަހާލައިގެން، ކާބޯތަކެތި އެތެރެކުރަން ފަށާފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ
އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
ތާޒާ ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލުބޯ، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ
ޕްރޮސެސްޑް ކާނާ: ނެސްލޭ ކުރީމް، ކޮކޯ ޕައުޑާ، ބޭކެޓް ބީންސް، ގެރިކިރު ދަޅު
ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ
އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަސައްކަތަކީ ރަމަޟާންމަހު ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ދަތިކަމެއް ނެތި، ހެޔޮ އަގުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
