ސްރީލަންކާ އަށް ދިމާވެފައިވާ މޫސުމީ ކާރިސާގެ ސަބަބުން އެ ގައުމަށް ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް އެހީތެރިވެ ދިނުމުގެ ގޮތުން، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، (އެސްޓީއޯ) އިން 250,000 ރުފިޔާގެ ފައިސާގެ އެހީއެއް ފޯރުކޮށްދީފިއެވެ.
އެސްޓީއޯއިން ހަދިޔާކުރި 250,000 ރުފިޔާގެ އެހީ ހަވާލުކޮށްފައިވަނީ ސިލޯނާއެކު ދިވެހީން ޓެލެތޯންގެ ކަވަރޭޖްގެ ތެރެއިންނެވެ. މި ފައިސާގެ އެހީއަކީ އެސްޓީއޯ ގްރޫޕުގައި ހިމެނޭ އެސްޓީއޯ، އެލައިޑް އިންޝުއަރެންސް، މޯލްޑިވް ގޭސް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ހިމެނޭގޮތަށް ދީފައިވާ އެހީއެކެވެ.
މީގެ އިތުރުން ސްރީލަންކާއަށް އެހީވުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންގެ ފަރާތުން އެއްލައްކަ ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.
އިއްޔެ ހެނދުނު 9:00 އިން މިއަދު މެންދުރުފަހު 14:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޓެލެތޯނަށް މިހާތަނަށް 5.7 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، 37 މީޑިއާއެކުން ވަނީ މި ޓެެލެތޯންގައި ބައިވެރިވެފައެވެ. ސްރީލަންކާއަށް އެހީވުމަށް ފައިސާ ޖަމާކުރާނީ ދިވެހި ރުފިޔާއިން ނަމަ 7730000796107 ނަންބަރު އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ 7730000796106 ނަންބަރު އެކައުންޓަށެވެ.
