މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއެކު ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތޯރިގު ވިދާޅުވީ މި ފެސިލިޓީ ވެގެންދާނީ މާލެއަށް މިއަދު ދިމާވެފައިވާ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ފުރިހަމަ ފެސިލިޓީ އަކަށް ކަމަށެވެ.

ވޭސްޓް ޓްރާންސްސްޓޭފާ ޝަނެއް ގާއިމު ކުރުމުގެ މި މަޝްރޫއަކީ 184 މިލިއަން ރުފިޔާއަށް، ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އިންޖިނިއަރިން (ސީއެސްސީއީސީ) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. 65 ހާސް އަކަފޫޓުގެ ސަރަހައްދެއްގެ ޖާގައިގައި ހަދާފައިވާ މި ސްޓޭޝަނަކީ 14 މަސްދުވަހުގެ ޕްރޮޖެކްޓެކެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހާ އެކްސެލެންސީ ތަކެއުޗި މިދޮރީ ވިދާޅުވީ ޖަޕާން ސަރުކާރުގެ ހިލޭ އެހީ ހިމެނޭ މިޕްރޮޖެކްޓްގެ ސަބަބުން ފުރަމާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށެވެ.

މި ސްޓޭޝަންގެ އެންމެ މަތީ ފަންގިފިލާގެ ރޫފް ޑެކްގައި ޕާކިން އަށް ޖާގަ ހާއްސަ ކުރެވިފައި ހުރުމުގެ ސަބަބުން ވެމްކޯގެ ވެހިކްލަތައް ޕާކްކުރުމަށް ދިމާވެފައިވާ މައްސަލައަށްވެސް ހައްލެއް ލިބިގެންދާނެއެވެ. އަދި ވެމްކޯގެ ވެހިކަލް މެއިންޓެނެންސް ގަރާޖެއްގެ އިތުރުން، ވެމްކޯގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ހާއްސަ ފްރަންޓް އޮފީހެއްވެސް މި ސްޓޭޝަންގެ އެންމެ ތިރީ ފަންގި ފިލާގައި ވަނީ ގާއިމުކޮށްފައެވެ.

މީގެއިތުރުން މި ފެސިލިޓީގައި ކުނި ގެންނަ އުޅަނދުތަކާއެކު ފަސޭހަކަމާއެކު ކުނީގެ ބަރުދަން ވަޒަންކުރުމަށް 'ވެއި ބްރިޖް' ސިސްޓަމެއްވެސް ވަނީ ގާއިމުކޮށްފައެވެ. އަދި މި ސްޓޭޝަނަށް ގެނެވޭ ހުރިހާ ކުންޏެއް ދުވަހުން ދުވަހަށް ތިލަފުއްޓަށް ގެންދެވޭނެކަމަށާއި، ގަޑިއަކު 300 އުޅަނދަށް ދަތިކަމެއް ނެތި ހިދުމަތްދެވޭނެ ކަމަށް ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ތޯރިގު ވަނީ ވިދާޅުވެފައެވެ.

މި ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ އިތުރުން 'ހަފްތާ-14' މަގުޗާޓުގައި ހިމެނޭ 'މަގޭ ސާފު ރާއްޖެ' ޕްރޮގްރާމްގެ ދަށުން މުޅި ރާއްޖެ ހިމެނޭހެން މިފަދަ އިތުރު ކުނި މެނޭޖްކުރާ ސްޓޭޝަންތައް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.