ފާސް ނެތި ބިދޭސީއަކު މަސައްކަތް ކުރަމުންދިޔަ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގެ ވެރިފަރާތް ޖޫރިމަނާ ކޮށްފިއެވެ.

އެފަދަ ފަރާތްތަކުން ފުރަތަމަ ފަހަރު ނަމަ ޖޫރިމަނާ ކުރަނީ 2،000 ރުފިޔާއިން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ 2 ވަނަ ފަހަރު ނަމަ 4،000 ރުފިޔާއިން ޖޫރިމަނާކޮށް ގޮޅީގެ ވެރިފަރާތަށް ރެޑް ނޯޓިސް ދޭނެ ކަމަށެވެ. އަދި އެފަދަ އަމަލެއްގެ ސަބަބުން 3 ވަނަ ފަހަރު ޖޫރިމަނާކޮށްފިނަމަ ގޮޅި އަތުލުމުގެ ބާރު މާލެ ސިޓީ ކައުންސިލަށް ލިބިގެންވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން ވަނީ ފާސް ނެތި ބިދޭސީން މަސައްކަތް ކުރަމުން ދިޔަ 9 ގޮޅިއެއްގެ ވެރިފަރާތް މިދިޔަ ހުކުރު ދުވަހު ވެސް ޖޫރިނަމާކޮށްފައެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ބިދޭސީންގެ ނުފޫޒު ގަދަވުމުގެ ސަބަބުން، އެތަނުގައި ތިބޭ ދިވެހީންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާދިނުމަށް އިކޮނިމިކް މިނިސްޓްރީން 2020 ވަނަ އަހަރު ވަނިީ ހާއްސަ ގަވާއިދެއް ހަދާފައެވެ.

އެ ގަވާއިދުގައިވާ ގޮތުން ތަރުކާރީ އާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަނުގައި ބިދޭސީންނަށް މަސައްކަތް ކުރެވޭނީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދަ ހޯދުމަށް ފަހުއެވެ.