މާލެ ސިޓީ ކައުންސިލުން މާދަމާ ކުއްލި ބައްދަލުވުމެއް ބާއްވާ ހައުސިން ކޮމިޓީއަށް ރަސްމީ ހައިސިއްޔަތު ދޭނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ބިންވެރިޔާ އާއި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ކޮމިޓީގެ މުހިއްމު ނިންމުންތަކުގައި ސިޓީ ކައުންސިލްގެ ބައިވެރިވުން ބޭއްވުން މުހިއްމު ކަމަށް ބުނެ، އެ ކައުންސިލްގެ ފަސް މެމްބަރަކު ހިމަނައިގެން ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން އެ ކޮމިޓީގައި ހިމެނެނީ ސިޓީ ކައުންސިލްގެ މެންބަރުން ކަމަށްވާ މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒާއި އާއިޝަތު ނިޒްލީ ރަޝީދާއި އަހުމަދު އައިފާނާއި ހަސަން ނިޒާމް އަދި މުހައްމަދު އަރީޝްއެވެ.

އެ ކޮމިޓީ އެކުލަވާލުމާ ގުޅިގެން އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެ ކޮމިޓީ އުފައްދާފައިވަނީ ކައުންސިލަށް އެއްވެސް އެނގުމެއް ނެތި ސަރުކާރުން އަމިއްލައަށް ކަމަށެވެ.

އެ ހަބަރާ ގުޅިގެން ނަރީޝް ވިދާޅުވީ ހައުސިން ކޮމިޓީއަށް ލަފާދެއްވަން މާލޭ ސިޓީ ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އޮންނަން ސަރުކާރަށް ފެނުމަކީ އެކަމާ ނުހަނު އުފާކުރާކަމެއް ކަމަށެވެ.

މާލެ ސިޓީ ރައްޔިތުންގެ ބޯހިޔާވަހިކަމާ ގުޅުންހުރި ކަންބޮޑުވުންތައް ކައުންސިލް މެދުވެރިކޮށް ހޯދަން ސަރުކާރުން އެދޭ މިންވަރު ހާމަވާ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ލާމަރުކަޒީ ނިޒާމް ފައްކާ ކުރަން ދޭ އަހައްމިއްޔަތުގެ ބޮޑުކަން ސާފުވާކަމެއް ކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވާ ކޮމިޓީއަށް ރަސްމީ ހައިސިއްޔަތު މާދަމާ ދޭނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.