އިސްލާމީ ހިލާފަތު ޔޫރަޕަށް ފެތުރިގެން ގޮސް އެސަރަހައްދުގައި އުފެދިގެން އައި އަންދުލަސް (މިހާރުގެ ސްޕެއިން، ޕޯޗުގަލް އަދި ފްރާންސް ހިމެނޭ ސަރަހައްދު) އަށް އުފަންވެވަޑައިގެން އިމާމް ބަގީ އިބްނު މަޚްލަދް (ރަހިމަހުމުﷲ) އަކީ އިސްލާމީ އިލްމު އުނގެނުމަށް ނުހަނު ޝައުގުވެރިކަން ހުންނެވި ބޭފުޅެކެވެ.

ހިޖުރަައިން 201 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކިވަޑައިގެންނެވި އިމާމް ބަގީ އެންމެ ބޭނުންވެ ވަޑައިގެންނެވީ އޭރު އިސްލާމީ ދުނިޔޭގެ އެންމެ ފުންނާބު އުސް އަދި އެންމެ ގިނަ ބައެއްގެ ލޯތްބާއި ގަދަރު ލިބިފައިވާ އިލްމުވެރިންގެ ފަރާތުން ސީދާ އިލްމު އުނގެނި ވަޑައިގަތުމަށެވެ. މިކަމުގެ އަޒުމްގައި އިމާމް ބަގީ އުމުރުން 20 އަހަރުގައި އިރާގުގެ ބަގްދާދަށް ދަތުރެއް ކުރެއްވިއެވެ. ދަތުރުގެ ހަމައެކަނި ބޭނުންފުޅަކީ އޭރު ބަގްދާދުގައި ދިރިއުޅުއްވަމުން ގެންދެވި މަޝްހޫރު އިލްމުވެރިޔާ އިމާމް އަހްމަދު އިބްނު ހަމްބަލްގެ ފަރާތްޕުޅުން އިލްމު އުނގެނިވަޑައިގަތުމެވެ.

އޭރުގެ އަންދަލުސްއިން ބަގްދާދަށް ދިއުމަށް އެތަށް ދުވަހެއް ނަގާ/ފޮޓޯ: ގޫގަލް

މިޒަމާނުގައި މަދު ގަޑި އިރު ކޮޅެއްގެ ތެރޭގައި ޔޫރަޕުން މެދު އިރުމަައްޗަށް ދެވުނު ނަމަވެސް އެޒަމާނުގައި އެފަދަ ދަތުރުތަކަކީ މަސް ދުވަސް ނުވަތަ އަހަރުތަކަށް ވެސް ދިގުލައިގެންދާ ފަދަ ދަތުރެކެވެ.

އިމާމް ބަގީގެ ދިގު ދަތުރު ނިންމެވުމަށް ފަހު ބަގްދާދާ ގާތްވެފައި ވަނިކޮށް ލިބިވަޑައިގެންނެވީ ހިތަމާވެރި ހަބަރެކެވެ. އެއީ ދަރިވަރުންނަށް ކިޔަވާ ދެއްވުން އިމާމް އަހްމަދަށް މަނާކޮށްފައިވާ ހަބަރެވެ.

ހިޖުރައިން 164 ވަނަ އަހަރު އިރާގުގެ ބަގްދާދަށް އުފަންވެވަޑައިގެންނެވި އިމާމް އަހްމަދު ބިން ހަންބަލް އަކީ ހަދީޘް އިލްމާއި އިސްލާމީ ފިގްހުގެ އިލްމުގައި އެންމެ މަޝްހޫރު އެއް އިލްމުވެރިޔާއެވެ. މިގޮތުން، ހަދީޘް އިލްމުގެ މަސައްކަތުގައި އިމާމް އަހްމަދު ވަނީ 300،000 ހަދީޘް ލިޔުއްވާފައެވެ. މި ހަދީޘްތައް އެއްކުރުމަށް އިމާމް އަހްމަދު ވަނީ ސީރިއާ، އިރާގުގެ އިތުރުން އަރަބިކަރައިގެ އެހެން ސަރަހައްދުތަކަށް ދަތުރުކުރައްވައި 280 އިލްމުވެރިންގެ ކިބައިން ހަދީޘްތައް ހޯއްދަވާ އެތަކެތި ލިޔުއްވާފައެވެ.

އުއްމަތުގެ ރަސޫލާ މުހައްމަދު ސައްލާﷲ އަލަހިވަސައްލަމްގެ ސުންނަތުގެ އިލްމު އޭރު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ އެއްބޭފުޅެއް ކަމަށްވާ އިމާމް އަހްމަދަށް އޭރު ބަގްދާދުގެ ހަލީފާގެ ހުރަސްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. ކީރިތި ޤުރާނާއި ސުންނަތުގެ އިލްމާ މެދު ބަޔަކު އުފެއްދި ފިތުނައިގައި ޖެހި ބަގްދާދުގެ އޭރުގެ ހަލީފާ، އާއްމު ތަންތަނުގައި ވާހަކަ ދެއްކެވުން އިމާމް އަހްމަދަށް މަނާ ކުރިއެވެ. އަދި މި އިލްމު އެހެން ފަރާތްތަކަށް އުގަންނައި ދެއްވުން ވެސް މަނާ ކުރިއެވެ.

އިމާމް އަހްމަދު ބިން ހަންބާލް/ފޮޓޯ: ގޫގަލް

މި ހުރަސްތަކުގެ ސަބަބުން އިމްމާ އަހްމަދުގެ މާޔޫސްވެ ވަޑައިގެންއިފައި ވަނިކޮށް އެއް ދުވަހަކު އޭނާގެ ގޭގެ ދޮރުގައި މީހަކު ޓަކި ޖެހި އަޑަށް ދޮރު ހުޅުއްވިއެވެ. ދޮރު ހުޅުއްވި އިރު ހުރީ ބީރައްޓެހި ޒުވާނެކެވެ. އެޒުވާނާ ވާހަކަ ދެއްކިއެވެ.

އިމާމް ބަގީ: އަހަންނަކީ އިލްމުގެ ދަރިވަރީމެވެ. އަހަރެން މިއައީ ވަރަށް ދުރުން ހުޅަނގުންނެވެ.

އިމާމް އަހްމަދު: އެފްރިކާއިން ހެއްޔެވެ؟

އިމާމް ބަގީ: ނޫނެކެވެ. އެއަށް ވުރެ ވެސް ދުރުންނެވެ. އެފްރިކާއަށް ދާން ބޭނުން ނަމަ ހަމައެކަނި ޖެހޭނީ ކަނޑު ހުރަސްކޮށްލާށެވެ. އަހަރެން މިއަކީ އަންދަލުސްއިންނެވެ.

އިމާމް އަހްމަދު: މަރުހަބާ! ކިހިނެތް ހަދައިދޭން ވީ

އިމާމް ބަގީ: މާތް ﷲ ގަންދީ ހުވާ ކުރަމެވެ. އަޅުގަނޑު އެހާ ދުރުން މިއައީ ހަމައެކަނި އިމާމުގެ އަރިހުން އިލްމު އުނގެނުމަށެވެ.

އިމާމް އަހުމަދު: އާނއެކެވެ. ތިބާ ތިޔަ އައި ދިގު ދަތުރެއް ކޮށްފައެވެ. އަދި ތިބާ ފަދަ މީހަކަށް އުނގަންނައި ދިނުމަކީ އަހަރެން އެންމެ ކުރާ ހިތްވާ އެއް ކަމައެވެ. އެހެން ނަމަވެސް ފަހަރުގައި ތިބާއަށް ނޭނގި އޮވެދާނެއެވެ. އިލްމު އުނގަންނައި ދިނުން އަހަންނަށް ވަނީ މަނާ ކޮށްފައެވެ.

އިމާމް ބަގީ: އަހަރެން ބޭނުންވަނީ އެންމެ ހަދީޘެއް ނަމަވެސް އުނގެނުމަށެވެ. އަހަންނަށް އެކަންޏެވެ.

އިމާމް އަހްމަދު: އަަހަރެންގެ ޝަރުތެއް އެބަ އޮތެވެ. ހަދީޘްް އިލްމު އުނގަންނައި ދެވޭނީ މިފަދަ ކަންކަން ސައްލާ ކުރާ ތަންތަނުގައި ތިބާ ބައިވެރި ނުވާނެ ކަމަށް ޝަރުތު ކޮށްފައެވެ. އިމާމް އަހުމަދު އޭނާގެ ގެއިން އުނގަންނައި ދެއްވަމުން ގެންދަވާކަން ސަހަރުގެ އެންމެނަށް އެނގެން ބޭނުމެއް ނުވެއެވެ.

އިމާމް ބަގީ: ތިޔަ ޝަރުތު ގަބޫލެވެ.

އިމާމް އަހްމަދު: އެހެން ވިޔާ ކޮންމެ ދުވަހަކު ސަލާން ޖަހާ ފަގީރެއްގެ ހެދުމުގައި މިގޭ ދޮށަށް އަންނާށެވެ. ދެން ކޮންމެ ދުވަހަކު ނިކުމެ އަހަރެން ތިބާއަށް ރޮއްޓަކާއެކު ހަދީޘެއް ކިޔާ ދޭނަމެވެ.

ދެން އިމާމް ބަގީ މިގޮތަށް އެތަށް އަހަރެއް ވަންދެން ކަން ކުރެއްވިއެވެ. ކޮންމެ ދުވަހަކު ފަގީރެއްގެ ހެދުމުގައި އިމާމް ބަގީ އެގަށް ވަޑައިގެން ކާއެތި ކޮޅަކާއި އެކު ހަދީޘެއް އުނގެނި ވަޑައިގެން އެނބުރި ވަޑައިގަންނަވައެވެ. މިގޮތަށް އަހަރުތައް ގުނަމުން ގޮސް އޭރު ބަގްދާދުގައި ވެރިކަން ކުރެއްވި ހަލީފާ އަވަހާރަވެ އާ ހަލީފާއެއް ވެރިކަމަށް ވަޑައިގެންނެވި އިރު މިއީ ސުންނަތުގެ އިލްމާ ރައްޓެހި ހަލީފާއެވެ. އަދި މިއާއެކު އިމާމް އަހްމަދާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލިއެވެ.

މިސްކިތުގައި އުނގަންނައި ދެއްވަން ފެއްޓެވުމުގެ ފުރުސަތު އިމާމް އަހްމަދަށް އަނެއްކާވެސް ލިބިވަޑައިގެންނެވުމާ އެކު އިސްލާމީ އިލްމު އުނގެނެން ބޭނުންވި ދަރިވަރުން އިމާމް އަރިހަށް ދިޔައެވެ. އޭގެ ތެރޭގައި އިމާމް ބަގީ ވެސް ހިމެނުނު އިރު އިމާމް ބަގީ އެހެން ދަރިވަރުންނާއި ދުރުކުރައްވާ އިމާމް އަހުމަދު އޭނާއަށް ތައުރީފު ކުރެއްވިއެވެ.

"މިއީ ހަގީގަތުގައި ވެސް އިލްމުގެ ދަރިވަރެކެވެ. އެތަށް އަހަރެއް ވަންދެން ކޮންމެ ދުވަހަކު ފަގީރެއްގެ ސިފައިގައި އުޅެމުން ދިޔައީ ދުވާލަކު އެއް ހަދީޘް ނުވަތަ ދެ ހަދީޘް އިމާމް އަހްމަދުގެ އަރިހުން އުނގެނުމަށެވެ. މި ކެތްތެރިކަމާއި އަމިއްލަ ނަފްސަށް އޮތް ލޯތްބަށް ވުރެ ބާވާލެއްވި އިލްމު އުނގެނުމަށް އޮތް އަޒުމު ވަރުގަދަކަން ފެނެއެވެ. އަންދަލުސް އިން ބަގްދާދަށް ވެސް އައީ އެ އަޒުމްގައެވެ. ތިބާގެ އިލްމު ފުރިހަމަ ކުރަމާ ހިނގާށެވެ."

އިމާމް ބަގީގެ އިލްމުގެ ކަންކަން ބެލެހެއްޓެވީ ހުދު އިމާމް އަހްމަދެވެ. އެއް ދުވަހަކު އިމާމް ބަގީ ބަލިވެ އެނދުގައި އޮންނަވަން ޖެހިވަޑައިގެންވިއެވެ. ދެން ހިސާބު ގަނޑު މީހުންގެ ކައިރީ އަހައިގެން އޭނާ ހުންނަވާ ގެއަށް އިމާމް އަހްމަދު ޒިޔާރަތް ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ.

"އޭ ބަގީއެވެ. ތިބާ ބަލީ ހެއްޔެވެ. މާތް ﷲ ތިބާއަށް ހެޔޮ ތައުފީގު ދެއްވާ ހުށިކަމެވެ. އޭ ބަގީއެވެ. ތިބާގެ ސިއްހަތު ރަނގަޅު ދުވަސްތަކުގައި އެއްވެސް ބަލިކަމެއް ނެތެވެ. އަދި ތިބާ ބަލި ދުވަސްތަކުގައި ހެޔޮ ސިއްހަތެއް ނެތެވެ. މާތް ﷲ ތިބާގެ ހާލު ރަނގަޅު ކުރައްވައި އެކަލާނގެ ކަނާތްފުޅުން ތިބާގެ ބަލި ފޮހެލަދެއްވާން ދޭވެ އެވެ".

އިމާމް ބަގީ ވެގެން ދިޔައީ އަންދަލުސްއިން އުފެދިގެން ދިޔަ އެންމެ ފުންނާބު އުސް ސުންނަތުގެ އިލްމުވެރިޔާއަށެވެ. އޭނާގެ ގައުމުގެ އަހުލުވެރީންނަށް އިންމު އުގަންނައި ދެއްވުމަށް އިލްމު އުނގެނވަޑައިގަތުމަށްޓަކައި ރަށުން ބޭރަށް އޭނާ ކުރެއްވި 2 ދަތުރުގައި ޖުމްލަ 34 އަހަރު ހޭދަކުރެއްވި ކަމަށް ތާރީހީ ލިޔުންތަކުގައި ވެއެވެ.