ދުބާއީއަށް ވިއްސާރަ ކުރި ވަގުތެއްގައި ބްރުޖު ހަލީފާއަށް އެޅި ހޮނެއްގެ ފޮޓޯ އެ ކެޕްޗާ ކުރި ފޮޓޯގްރާފަރު ޒޮހައިބު އަންޖުމް ހާމަ ކުރުމުން، ފަލަސްތީނުގެ ޗާޓާ ވައްތަރު ކަމަށް ބުނެ އެ އެ ފޮޓޯއަށް 12 މިލިއަން ވިއުސް ވަނީ ލިބިފައެވެ.
ފޮޓޯއަށް ކޮމެންޓް ކުރި ވަރަށް ގިނަ ބަޔަކު ބުނެފައި ވަނީ ހޮނު ދަތުރު ކޮށްފައި ވަނީ ފަލަސްތީނުގެ ޗާޓު ސިފަވާ ގޮތަށް ކަމަށާއި އެއީ މިހާރު އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ އުދުވާނި ހަމަލާތައް ހުއްޓާލުމަށް ބާރުއެޅުމަށް ދުނިޔެއަށް ދިން އިލާހި މެސެޖެއް ކަމަށެވެ.
އަނެއް ބަޔަކު ބުނަނީ އެ ހޮނުން ބުނެދެނީ އިޒްރޭލު ހުއްޓުވުމުގައި އަރަބި ލީޑަރުން ފަސް ޖެހެމުން ދާތީ މަޑުނުތިބެ ތެދުވަން ކަމަށެވެ. އަދި ވަރުގަދަ ފިޔަވަޅުތައް އަޅާ ހަނގުރާމަ ހުއްޓުވަން އަންގައިދޭ މެސެޖެއް ކަމަށް ވެސް ބައެއް މީހުން ބުނެއެވެ.
އަދި އަނެއް ބަޔަކު ދެކެނީ އިޒްރޭލުގެ އުދުވާނާ ހުރެ ފަލަސްތީނުގެ ރައްޔިތުން މިއަދު ތަހަންމަލް ކުރަމުންދާ ހައިހޫނުކަމާއި ގިލަންވެރިކަން ނުފެނި ނިދާފައި ތިބި އެތައް ބަޔަކު ހޭލައްވާލީ ކަމަށާއި ކުޑަކުދިންނާއި އަންހެނުން މަރުވެގެން ދާ އެ ހަނގުރާމައިގައި އެމީހުން [ފަލަސްތީނުގެ ރައްޔިތުން] ތަހަންމަލް ކުރަމުންދާ ވޭނަކީ މުޅި ދުނިޔެވެސް ބައިވެރިވާ ވޭނެއް ކަން އަންގައިދޭ މެސެޖެއް ކަމަށެވެ.
އަނެއް ބަޔަކު ބުނަނީ ހޮނު އަޅާއިރު އަލި ދަތުރު ކުރަނީ އެކިއެކި ބައްޓަމަށް ކަމަށާއި ބުރުޖް ހަލީފާއަށް އެޅި ހޮނުގެ ބައްޓަން ފަލަސްތީނުގެ ޗާޓާ ވައްތަރު ވުމަކީ އިއްތިފާގެއް ކަމަށެވެ.
މި ހޮނަކީ މިވަގުތު ދުނިޔޭގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ ފަލަސްތީނު ހަނގުރާމަ ހިނގަމުންދާ ވަގުތާއި އަދި މުސްލިމުން އެމީހުންގެ އަގީދާގެ މަތީގައި ތިބެ ބާރު ލިިބިގަންނަމުންދާ ހާލަތެއްގައި ފާޅުވި ހޮނެކެވެ. އެހެންކަމުން ހޮނުގެ ބައްޓަން ފަލަސްތީނުގެ ޗާތާ ވައްތަރު ވުމުން އެ ގަބޫލުކުރެވުން އިތުރަށް ބޮޑުވެ އެވާހަކަށް ލިބުނު ސަމާލުކަން ބޮޑުވީއެވެ.