ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްއާ ގުޅިގެން ހުށަހަޅާ މައްސަލަތައް ބެލުމަށް 5 މެންބަރުންގެ ކޮމިޓީއެއް (ހައުސިން ކޮމިޓީ) އެކުލަވާލައިފިއެވެ.

ހައުސިން މިނިސްޓްރީއިން ބުނީ އެ ކޮމިޓީ އުފައްދާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ކަމަށެވެ.

އެ ކޮމިޓީއަކީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅިގެން ހުށަހަޅާ މައްސަލަތަކާއި އަދި ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭ ގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ބޭނުންވާ ލަފާ ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އެކުލަވާލި ކޮމިޓީއެއް ކަމަށް ހައުސިން މިނިސްޓްރީއިން ބުނެއެވެ.

ކޮމިޓީގައި ހިމެނޭ މެންބަރުން:

  1. ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހްމަދު
  2. އާމިނަތު އީނާސް
  3. އަހްމަދު އަލީ މަނިކު
  4. އަބްދުލް އަޒީޒް ޔޫސުފް
  5. މަރިޔަމް ފިޒާނާ ރަޝީދު

މިއަދު އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ހައުސިން މިނިސްޓްރީގައި ބާއްވާފައި ވާއިރު އެ ބައްދަލުވުމުގައި ކޮމެޓީގެ ޗެއާއެއްގެ ގޮތުގައި އައްޔަންކުރައްވާފައި ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހްމަދުއެވެ. އަދި ކޮމިޓީގެ ވައިސް ޗެއާއެއްގެ ގޮތުގައި އައްޔަން ކޮށްފައި ވަނީ އަބްދުލް އަޒީޒް ޔޫސުފްއެވެ.

ހައުސިން މިނިސްޓްރީއިން އިތުރަށް ބުނީ އެ ކޮމިޓީގެ ސެކްޓްރިއޭޓް ބަލަހައްޓާނީ އެ މިނިސްޓްރީގެ ފަރާތުން ކަމަށެވެ.