މަޖިލިސް އިންތިހާބާ ދިމާވާތީ ސުކޫލުތަކުގެ ދެވަނަ ޓާމުގެ ޓެސްޓުތައް އަވަސް ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގްރޭޑް 7، 8 އަދި 9 ގެ ދަރިވަރުންގެ ދެވަނަ ޓާމުގެ ޓެސްޓުތައް ބާއްވަން ނިންމާފައި ވަނީ މި މަހުގެ 27 އިން އަންނަ މަހުގެ 25ގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގައި ކަމަށެވެ. ކުރިން ޓެސްޓު ނަގަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 16 އިން 27ގެ ނިޔަލަށެވެ.

މި ޓެސްޓުތައް އަވަސް ކުރަން ނިންމީ ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހަކީ އަންނަ މަހުގެ 21 ކަމުގައި އިލެކްޝަން ކޮމިޝަން (އިސީ)ން ކަނޑައެޅުމުން ޓެސްޓު ދުވަސްވަރާ ފުށުއަރާނެތީ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން އޭޕްރީލް 20ވަނަ ދުވަހު ޓެސްޓު ނަގާ ނަމަ އީސީން އެ ސްކޫލަކަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓާ މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފައެވެ.

2026 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީ މަހު ފަށާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ގެނައި ބަދަލާއެކު، މިހާރު މި ހިނގާ 2023ގެ ދިސާރީ އަހަރު ނިމޭނީ އަންނަ އޭޕްރީލް މަހުއެވެ. މި އަހަރު 2024 ގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މޭ 26 ގައެވެ.

ޒަމާނުންސުރެ ރާއްޖޭގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީގައި ކަމަށްވިޔަސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ވިސްނަވާ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން އަހަރުގެ މެދު ތެރެއަށް ބަދަލުކުރައްވާފައެވެ.