ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތީގެ ރަޖިސްޓްރީއާ ހަވާލު ނުވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން ނިންމާފައިވާކަމަށް ހައުސިން މިނިސްޓްރީއިން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިމިދިޔަ ސަރުކާރުން މާލޭގެ ބޯހިޔާވަހި ކަމަށް ހައްލު ހޯދައި ދިނުމަށް ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކުގެ އެގްރީމެންޓްގައި ސޮއިކޮށް 8،394 މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވާކަމަށާއި ނަމަވެސް ގިނަ ފަރާތްތަކުން ރަޖިސްޓަރީ ނުވަތަ ގޯތި ލިބުނުކަމުގެ ލިޔުން ހަވާލުވުމަށް ހާޒިރުވެފައިނުވާކަމަށެވެ.

ހައުސިން މިނިސްޓްރީއިން ބުނީ ބިން ލިބިފައިވާ ކަމުގެ ލިޔުން ހަވާލު ނުކުރާ 303 މީހުން އެބަ ތިބި ކަމަށެވެ. އަދި އެޕްލިކޭންޓުން ބިން ދޫކޮށްލަން އެދިފައިވާތީ 16 ފަރާތަކާއެކު ސޮއި ނުކުރެވިވާ ކަމަށް ވެސް މިނިސްޓްރީއިން ފާހަގަ ކުރެއެވެ.

މީގެއިތުރުން އެޕްލިކޭންޓޫން ނިޔާވުމުގެ ސަބަބުން ސޮއި ނުކުރެވި 12 ފަރާތެއް ތިބިކަމަށް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުގެ ސަބަބުން 120 ފަރާތަކާއެކު ސޮއި ކުރެވިފައިނުވާ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

އެހެންކަމުން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވުމަށް 16 މާޗް ވާ ހޮނިހިރު ދުވަހުން ފެށިގެން 27 މާޗް ވާ ބުދަ ދުވަހުގެ ރޭ 23:59 އަކަށް ފުރުސަތު ހުޅުވާލެވިފައިވާކަމަށް ހައުސިން މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފައެވެ.

ރެޖިސްޓްރީއާ ހަވާލުވުމަށް އެޕޮއިންޓްމެންޓު ހެދުމަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ކުރެވޭނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.