ރާއްޖެ އަށް ކަނޑުމަގުން ގެނެސް ވައިގެ މަގުން އެހެން ގައުމުތަކަށް މުދާ ފޮނުވުމުގެ ހިދުމަތް މާދަމާ ފަށާނެ ކަން އެމްޕީއެލުން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ، ރާއްޖެ އަށް ކަނޑުމަގުން މުދާ ގެނެސް ވައިގެ މަގުން އެހެން ގައުމުތަކަށް މުދާތައް ފޮނުވާ 'ސީ ޓު އެއާ' ކާގޯ ޓްރާންޝިޕްމަންޓްގެ ހިދުމަތް މާދަމާ ފަށާނެ ކަމަށެވެ.

މިއީ މިފަދަ ހިދުމަތެއް ރާއްޖޭގައި ފަށާ ފުރަތަމަ ފަހަރެވެ.

އެމްޕީއެލުން ބުނީ، މި ހިދުމަތަކީ އެ ކުންފުނީގެ އާމްދަނީ އިތުރުކޮށް، ކުންފުނީގެ ވިޔަފާރި އާ ދާއިރާތަކުން ކުރިއަށް ގެންދިއުމަށް ކުންފުނީގެ މެނޭޖްމެންޓުން އެކުލަވާލި ޕްލޭންތަކުގެ ދަށުން ފަށާ ހިދުމަތެއް ކަމަށެވެ.

މި ހިދުމަތުގެ ސަބަބުން އެކި ބާވަތްތަކުގެ މުދާ ބޭރުކުރާ ގައުމުތަކުން ބައެއް ގައުމުތަކަށް އަވަހަށް މުދާ ފޯރުކޮށްދެވޭނެ ކަމަށާއި، ރާއްޖޭގައި މި ހިދުމަތް ފެށުމުން ވިލާތުގެ ގައުމުތައް ހިމެނޭހެން ވައިގެ މަގުން ގިނަ ގައުމުތަކުން ރާއްޖެ އަށް ދަތުރުތައް ކުރާނެ ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.

'ސީ ޓު އެއާ'ގެ ހިދުމަތް ދިނުމަށް އެމްޕީއެލުން ކަނޑައަޅާފައިވާ އަގުތައް:

  • 20 ފޫޓުގެ ކޮންޓެއިނަރަކަށް 48.45 އެމެރިކާ ޑޮލަރު
  • 40 ފޫޓުގެ ކޮންޓެއިނަރަކަށް 60.20 އެމެރިކާ ޑޮލަރު

އެމްޕީއެލުން ބުނީ، މި ހިދުމަތް ދޭނީ އެ ކުންފުންޏާއި އެމްއޭސީއެލާއި ބައިނަލްއަގްވާމީ އެއާލައިންތަކާ ގުޅިގެން ކަމަށެވެ.