މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) ގެ ތެރެއިން 2018 ވަނަ އަހަރާއި 2020 ވަނަ އަހަރު ދެމެދު ހިންގި 28 މިލިއަން ރުފިޔާގެ ތެލުގެ ވައްކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން އަންގައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާއި ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓް 2018-2020، މާލިއްޔަތު ކޮމިޓީއިން ދިރާސާކޮށް ހުށަހެޅި ރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ 69 މެންބަރުންގެ ވޯޓާއެކުގައެވެ. މި ރިޕޯޓުގައި ފަސް ފިޔަވަޅެއް އެޅުމަށް އަންގާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ

1- ތެޔޮ އުފުލާ އުދަނދުތައް މޮނީޓަރު ކުރުމަށް ބޯޓުފަހަރުގައި ކެމެރާ ހަރުކުރުމަށާއި ބޭނުންވާ ސިސްޓަމްތަކާއި، ތެޔޮ ދޫކުރުމަށް ބޭނުންކުރާ މީީޓަރުތައް ޒަމާނީ މީޓަރުތަކަށް ބަދަލުކުރުމެވެ. އަދި ޑިޖިޓަލްކޮށް ލައިވްކޮށް ރިޕޯޓު ނެގޭ ގޮތަށް ހަދައި، އޮޓޮމެޓިކް ގޭޖިން ސިސްޓަމް ހަރުކޮށް ނިންމައި، 45 ދުވަހުގެ ތެރޭގައި އެމްޕީއެލްއިން އެކަން މާލިއްޔަތު ކޮމިޓީއަށް އެންގުމަށް ހިމަނާފައިވެއެވެ.

2- އެފްއެސްއެމްގެ އެންމެހާ މާލީ މުއާމަލާތްތައް ހިންގާފައިވަނީ ރަނގަޅަށްތޯ ބެލުމަށް ހާއްސަ އޮޑިޓެއް ހެދުމަށް އަންގާފައިވެއެވެ.

3- ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ކޮށްދިނުމަށް ކޯޓުތަކާއި ޕީޖީއަށް އަންގައި، މަސައްކަތް ކުރިއަށްދާ ގޮތް ތިން މަސްދުވަހުގެ ތެރޭގައި އެންގުމަށް ހިމާނަފައިވެއެވެ.

4- އެމްޕީއެލްގެ އުޅަނދުތައް މާލެ ސަރަހައްދުން ބޭރުވުމަށް ފަހު ނުވަތަ ވަކި ދުރުމިނެއް ފަހަނައަޅާ ދިއުމަށް ފަހު އެ އުޅަނދުތައް މޮނީޓަރު ކުރުމަށް ބޭނުންވާ އޮޓަމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް ތިން މަސް ދުވަހުގެ ތެރޭގައި ހަރު ކުރުމަށް އަންގާފައިވެއެވެ.

5- އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް، ކުރިމަގުގައި ތަކުރާރު ނުވާނެ ގޮތަށް އިސްލާހު ކުރުމަށް އެމްޕީއެލްއަށް އެންގުމަށް އެދިފައިވެއެވެ.

އެމްޕީއެލްގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޑީސަލް ސަޕްލައި ކުރަން ގިނަ އަދަދެއްގެ ޑެލިވަރީ ނޯޓުތަކާއި ޕާޗޭސް ވައުޗަރުތައް ފޯޖުކޮށްފައިވެއެވެ. އަދި ސަލް ގެނައުމުން ޖަނަރޭޓަރުތަކާ، ކްރޭންތަކުގެ އިތުރުން ޓަގު ބޯޓުތަކަށް ތެޔޮ އަޅާފައިނުވާ އިރު ބަނދަރުގެ އޮޕަރޭޝަންސްގައި ބޭނުންކުރާ ޖަނަރޭޓަރުތަކާއި ޓަގު ބޯޓުތައް އަދި އާރުޓީޖީ ކްރޭންތަކުން ގެއްލުނު ޑީސަލްގެ އަދަދުތައް ހިމަނާފައިވެއެވެ.

މީގެ އިތުރުން މި ހިޔާނާތް ހިންގުމުގައި އެމްޕީއެލް އާއި އެފްއެސްއެމްގެ މުވައްޒަފުންގެ ތެރެއިން ބައިވެރިވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށްޓަކައި، މި މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިތުރުން ފުލުހުންނަށް ހުށަހެޅުމަށް ލަފާދީފައިވާއިރު ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ ތެލުގެ ގެއްލުމުގެ ބަދަލު މި ހިޔާނާތުގެ ބައިވެރިންގެ އަތުން ހޯދުމަށް ވެސް ލަފާދީފައިވެއެވެ.