މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެވެ.
ދުނިޔޭގެ ހަތް އަޖައިބުގެ ތެރެއިން އެއް އަޖައިބު ހިމެނޭ ރާއްޖެއާ 5،214 ކިލޯމީޓަރު ދުރުގައި އޮންނަ މިސްރަކީ މުޅި ދުނިޔޭގައިވެސް ޗުއްޓީ ހޭދަކޮށްލުމަށް ހޮވާލެވޭ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ރާއްޖެ މިހުންގެ މެދުގައިވެސް މަގުބޫލުވަމުން އަންނަ މިސްރުގެ ވެރިރަށް ކަމަށްވާ ކައިރޯއަށް މާލެއިން ތިން އެއާލައިނެއް ދަތުރުކުރެއެވެ. އޭގެ ތެރޭގައި އިތިހާދު، ގަތަރު އަދި އެމިރޭޓްސް ހިމެނެއެވެ.
މިހާތަނަށް ރާއްޖެ އާއި މިސްރާ ދެމެދު ދަތުރުކުރާ ޑައިރެކްޓް ފްލައިޓެއް ނެތް އިރު މި އެއާލައިންތައް ވެސް ދަތުރު ކުރަމުންދަނީ ގަތަރުގެ ދޯހާ، ސްރީލަންކާ ނުވަތަ ދުބާއީއަށް ސްޓޮޕް އޯވާ ކޮށްފައެވެ. ޓިކެޓުގެ އަގު އުޅެނީ 900 ޑޮލަރާއި 1400 ޑޮލަރާ ދެމެދު އަގެއްގައި ނަމަވެސް އެކި ދުވަސްވަރު ޓިކެޓުގެ އަގަށް ބަދަލު އާދެއެވެ.
އަދި ހަމައެހެންމެ ހޮޓަލުގެ އަގުތައް 30 ޑޮލަރާއި 200 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ހުރިއިރު ފެންވަރު ރަނގަޅު ހިދުމަތްތައް ލިބެން ހުންނަ ހޮޓަލުގެ އަގުތައް މައްޗެވެ. މިސްރަކީ އާންމު ގޮތެއްގައި ހޫނު ގައުމަކަށްވީ ނަމަވެސް އަހަރުގެ އެންމެ ފިނި މަހަކީ ޖެނުއަރީ މަހެވެ. ޖެނުއަރީ މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 22 ޑިގްރީ ސެލްސިއަސް ފިނިމިން ހުރެއެވެ. ދެން ކިޔުންތެރިންނަށް މި ކިޔާލަދެނީ މިސްރުގައި ހުރި ޒިޔާރަތް ކޮށްލަން ރަނގަޅު ތަންތަނުގެ ވާހަކައެވެ.
ގްރޭޓް ޕިރަމިޑް އޮފް ގިޒާ:
ގްރޭޓް ޕިރަމިޑް އޮފް ގިޒާ އަކީ ޖުމްލަ 3 ބިޔަ ޕިރަމިޑްގެ މައްޗަށް އެކުލެވޭ ތިނަސްކަން ބައްޓަމަށް ހުންނަ އިމާރާތެކެވެ. މައިގަނޑު ތިން ޕިރަމިޑާއި ގްރޭޓް ސްފިންކްސް ހިމެނޭއިރު، އެ ހުރިހާ ތަނެއް ވެސް ބިނާކޮށްފައި ވަނީ މީލާދީން 2600 ވަނަ އަހަރު އެވެ. އެންމެ ބޮޑު އަދި އެންމެ އުތުރުގެ ޕިރަމިޑް، ގްރޭޓް ޕިރަމިޑްގެ ނަމުން ވެސް މަޝްހޫރުވެފައި ވަނީ ފިރުއައުނު ޚުފޫއަށެވެ. މެދު ޕިރަމިޑް ހާއްސަކޮށްފައި ވަނީ ފިރުއައުން ޚަފްރޭއަށެވެ. މިސްރުގެ ވެރިރަށް ކައިރޯ އެއާޕޯޓުން ޕިރަމިޑް ތަކާ ހަމައަށް ދުއްވާ އެއްޗެއްގައި 30 މިނަޓުން ދެވޭއިރު ބަސް ނޫންނަމަ އެހެން އުޅުނދެއްގައިވެސް ދެވެއެވެ. ޓެކްސީގައި ދަތުރު ކުރާނަމަ 30 ޑޮލަރާއި 40 ޑޮލަރުގެ އަގެއްގައި ދަތުރު ކުރެވެއެވެ.
މި ތިން ޕިރަމިޑަކީ އިންސާނީ ތަހުޒީބުގެ އެންމެ ދެމެހެއްޓެނިވި ބިނާތަކުގެ ތެރޭގައި ހިމެނޭ ތިން ޕިރަމިޑެވެ. ޒާގެ ޕިރަމިޑްތައް ބިނާކޮށްފައި ވަނީ ހިލަތަކުގެ މެދުގައި މިޞްރުގެ ޒަމާންވީ ފަންނުވެރިން އެންމެ އާދައިގެ ވަސީލަތްތަކާއެކު މި އުސް ބިނާތައް ބިނާކުރި ގޮތާމެދު ޒިޔާރަތްކުރާ މީހުންނާއި ސައިންސްވެރިން އަދިވެސް ތިބީ ހައިރާންވެފައެވެ.
ގްރޭޓް ސްފިންކްސް އޮފް ގިޒާ:
ދަ ގްރޭޓް ސްފިންކްސް އޮފް ގިޒާ އަކީ އިންސާނެއްގެ އިސްތަށިގަނޑާއި ސިންގާއެއްގެ ހަށިގަނޑުގެ ބައްޓަމަށް ހިލަ ކަނޑައިގެން ފަރުމާކޮށްފައިވާ ބިޔަ ސްޓެޗޫއެކެވެ. ސްފިންކްސް އަކީ މިސްރުގައި ހުރި އެންމެ ދުވަސްވީ ހަނދާނީ ބުދުގެ އިތުރުން ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ އެއް ބުދެވެ. އާސާރީ ހެކިތަކުން އެނގޭ ގޮތުގައި މިއީ ކުރީގެ ރަސްކަމުގެ އިހުގެ މިސްރު މީހުން ޚަފްރޭގެ ރަސްކަމުގެ ދުވަސްވަރު (މީލާދީން 2558-2532 ވަނަ އަހަރު) ހެދި ތަނެކެވެ.
ފަރައޮނިކް ވިލެޖް:
ފަރައޮނިކް ވިލެޖަކީ 1986 ވަނަ އަހަރު އާކިއޮލޮޖިސްޓެއް ކަމަށްވާ ޑރ އަބްދުލް ހަލީމް ރަމަޟާން އުފެއްދެވި ވިލެޖެކެވެ. މިއީ ފިރުއައުނުންގެ ޒަމާންވީ ދުނިޔޭގައި ޒިޔާރަތްކުރާ ފަރާތްތަކަށް ވަރަށް ތަފާތު އަދި ހިތްގައިމު މަންޒަރެކެވެ. މި އަވަށަކީ މިސްރުގެ ޒަމާންވީ ބިނާތަކުގެ ތަފާތު ރެޕްލިކާތައް ހުރި އަވަށެއް ކަމަށާއި އޭގެ ތެރޭގައި މިސްކިތްތަކާއި މަހާނަތަކާއި ޕިރަމިޑްތައް ވެސް ހިމެނެ އެވެ. މި އަވަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިންޓަރެކްޓިވް އެގްޒިބިޝަންތަކާއި ހަރަކާތްތަކުގެ ޒަރިއްޔާއިން ފިރުޢައުނުންގެ ތާރީހު ދެނެގަނެވޭނެއެވެ.
މި ވިލެޖުގައި އެކި ނެށުމުގެ ހަރަކާތްތައް ދައްކުވާދޭއިރު އެތަނުގެ ހަލަބޮލި މާރުކޭޓުތަކުގައި ސުވެނިއާ ނުވަތަ އާޓިޒަނަލް ޕްރޮޑަކްޓްސް އަށް ވިއްކާއިރު، މަސާލާއިން ފެށިގެން ގަހަނާ އާއި ފޭރާމުގެ ބާވަތްތައް ވެސް ލިބެން ހުންނާނެ އެވެ. މިސްރުގެ މުއްސަނދި ތާރީހާބެހޭ މައުލޫމާތު މި ރަށުގެ ތެރޭގައި ހުންނަ މިއުޒިއަމް އޮފް އެންޝިއަންޓް މިސްރު ނުވަތަ މިއުޒިއަމް އޮފް އިސްލާމިކް އާޓް އެންޑް ކަލްޗާ ފަދަ މިއުޒިއަމްތަކުގެ ތެރެއިން އެއް މިއުޒިއަމްގައި އިންޓަރެކްޓިވް އެގްޒިބިޝަންތަކާއި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ތަޢުލީމީ ޕްރޮގްރާމްތައްވެސް ހިންގައެވެ.
މީގެ އިތުރުންވެސް މިސްރުގައި ޒިޔާރަތް ކޮށްލާނެ ރަނގަޅު އަދި ހިތްގައިމު ތަންތަން ހިމެނެއެވެ. އޭގެ ތެރޭގައި ރަސްރަސްކަލުންގެ ވާދީ، ވަލޭ އޮފް ކިންގްސް، މިއުޒިއަމްއެއް ކަމަށްވާ ކިންގް ޓުޓް އެގްޒިބިޓް މިސްރު މިއުޒިއަމް އަދި އަބޫ ސިމްބެލް ޓެމްޕަލްސް ފަދަ ތަންތަނަކީ ފާހަގަ ކޮށްލެވޭ ތަންތަނެވެ.