މިދިޔަ ފެބްރުއަރީ މަހު އާމްދަނީގެ ގޮތުގައި 2.33 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށާއި، މިއީ މިދިޔަ މަހު އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި ވަރަށް ވުރެ 22.3 ޕަސެންޓު އިތުރު އަދަދެއް ކަމަށް، ޓެކުހާ ބެހޭ އިދާރާ، މީރާ އިން ހާމަކޮށްފިއެވެ.
މި އާމްދަނީގެ ތެރޭގައި 100.34 އެމެރިކާ ޑޮލަރު ހިމެނޭކަން ވެސް އެ އިދާރާ އިން ހާމަކޮށްފައިވެއެވެ.
މީރާ އަށް ލިބުނު އާމްދަނީގެ ތަފާސްހިސާބުތައް އާންމުކޮށް ނެރުނު ބަޔާނުގައި އެ އިދާރާ އިން ބުނީ، މިދިޔަ މަހު ބަލައިގެންފައިވާ އާމްދަނީ އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 33.7 ޕަސެންޓު އިތުރު ކަމަށެވެ.
މިގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު މިދިޔަ މަހު އެ އިދާރާ އަށް ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތައް ކަމަށް މީރާ އިން ބުނީ:
- ޖީއެސްޓީ އާއި ބީޕީޓީ އާއި އެކްސްޕަޓްރިއޭޓް ކޯޓާ ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާތީ
- އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހަށް ވުރެ މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 11.5 ޕަސެންޓު އިތުރުވުމުގެ ސަބަބުން ފެބްރުއަރީ މަހު ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާތީ
- ޖެނުއަރީގައި ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ 4 ޕަސެންޓު އިތުރަށް ފަތުރުވެރިން އައުމުން، ފެބްރުއަރީގައި ލިބޭނެކަމަށް އަންދާޒާކުރި ވަރަށް ވުރެ އާމްދަނީ އިތުރުވެފައިވާތީ
މީގެ އިތުރުން މީރާ އިން ވަނީ ބޭންކް އިންކަމް ޓެކްސް ދައްކަންޖެހޭ ސުންގަޑިއަށް ދައްކައިފައިނުވާ ބައެއް ފައިސާ އެ މުއްދަތުގެ ތެރޭގައި ލިބިފައިވާތީ އާއި، ޓެކުހާއި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުން ދައްކަން ޖެހޭ ކުލި ސުންގަޑިއަށް ދައްކާފައިނުވާ ބައެއް ފަރާތްތަކުން ފައިސާ ދައްކާފައިވާ ކަން ވެސް ފާހަގަކޮށްފައެވެ.
ނަމަވެސް މިއީ ޖެނުއަރީ މަހު ލިބުނު އާމްދަނީ އަށް ވުރެ 1.37 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
މީރާ އަށް މިދިޔަ މަހު ލިބުނު އާމްދަނީ އަދަދުތަކުން:
- ޖީއެސްޓީ: 1.63 ބިލިއަން ރުފިޔާ (70.1 ޕަސެންޓު)
- އާމްދަނީން ނަގާ ޓެކްސް: 246.46 މިލިއަން ރުފިޔާ (10.6 ޕަސެންޓު)
- ގްރީން ޓެކްސް: 102.85 މިލިއަން ރުފިޔާ (4.4 ޕަސެންޓު)
- އެއާޕޯޓް ޑިވެލޮޕްމެންޓް ފީ: 91.08 މިލިއަން ރުފިޔާ (3.9 ޕަސެންޓު)
- ޑިޕާޗާ ޓެކްސް: 89.48 މިލިއަން ރުފިޔާ (3.8 ޕަސެންޓު)
- އެހެނިހެން ޓެކުހާއި ފީ: 168.78 މިލިއަން ރުފިޔާ (7.2 ޕަސެންޓު)