ރާއްޖޭގެ އެންމެ އުތުރު އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު 'ޓާމް ޝީޓެއް 'ގައި ސޮއިކޮށްފިއެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ޓާމް ޝީޓުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމްއެވެ. ވިޓޯލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޖޭ އެންގްއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެސްޓީއޯގެ އެމްޑީ ޝިމާދު ވަނީ ބަންކަރިން މަޝްރޫއުގެ ޓެންޑާ ކާމިޔާބުކުރި ކަމަށްޓަކައި ވިޓޯލްއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ހަކަތަ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުންޏާ އެކު މަސައްކަތް ކުރުމަކީ ލިބޭ އުފަލެއްކަމުގައި ޗިމާދު ވިދާޅުވިއެވިއެވެ.

މި މަޝްރޫއުގެ ސަބަބުން އެސްޓީއޯއަށް މާލީ ގޮތުންނާ، ރާއްޖެއަށް އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަން ފާހަގަކުރައްވަމުން ޝިމާދު ވިދާޅުވީ މި މަޝްރޫއާއެި އެކު ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ އިތުރުވާނެކަމަށެވެ. އަދި ބޭރު ފައިސާގެ ރިޒާވަށް އިތުރުކަމެއް އަންނާނެކަމަށާ، އިތުރު ވަޒީފާގެ ފުރުސަތުތަކެއް އުފެދިގެން ދާނެކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން އެސްޓިއޯގެ އާމްދަނީ އާއި ފައިދާ އިތުރުވާނެކަމަށް ޝިމާދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވިޓޯލްގެ ޑިރެކްޓަރު ޖޭ އެންގް ވިދާޅުވީ ރާއްޖެ މި އޮތީ ބަންކަރިންއަށް އެންމެ ރަނގަޅު ސަރަހައްދުގައި ކަމަށާއި ކުރިއަށް އޮތް ތަނުގައި ރާއްޖެ ބޮޑު ބަންކަރިން ހަބަކަށް ވާނެ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް އަންނަ ޖުލައި މަސް ނިމުމުގެ ކުރިންފެށުމަށް ތައްޔާރުވަމުން އަންނައިރު ކުރީ ސަރުކާރުންވެސް ވަނީ އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ހިދުމަތް ދިނުމަށް ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) ކުންފުންޏާއެކު ސޮއިކޮށްފައެވެ. 2023 ވަނަ އަހަރު ހަވާލުކުރި މި މަޝްރޫއުގެ މަސައްކަތް، ވެރިކަން ބަދަލުވިއިރުވެސް ފެށިފައެއް ނުވެއެވެ.