އައްޑޫ ސިޓީ ހިތަދޫގެ އީދިގަލި ޓޫރިޒަމް ޒޯނުގައި ފަތުރުވެރިކަމުގެ ވަސީލަތްތައް ތަރައްގީ ކުރުމުގެ ފުރުސަތު އިންވެސްޓަރުންނަށް ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނީ 21،000 އަކަ މީޓަރުގެ ބިމެއް ކަނޑައަޅައި އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ ވަސީލަތްތައް ގާއިމް ކުރުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ފުރުސަތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށްވެސް ހުޅުވާލާފައިވާއިރު އެ ތަނުގައި ތަރައްގީ ކުރެވޭނެ އިންވެސްޓްމަންޓުތަކުގެ ތެރޭގައި ސިޓީ ހޮޓަލާއި ގުޅުން ހުރި ޓޫރިޒަމް ވަސީލަތްތައް ހިމެނޭ ކަމަށް އިއުލާނުގައި ވެއެވެ.

އެ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 50 އަހަރަށެވެ. މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ގަތުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:30 އަށް ވަނީ ހުޅުވާލައިފައެވެ. ބިޑް ބަލައިގަންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނެވެ.

ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގެ ނުވަތަ ޕާޓްނަޝިޕްތަކުގެ ބިޑިންގް ޑޮކިއުމަންޓް ސެޓެއްގެ އަގަކީ 10،000 ރުފިޔާއެވެ. އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ކަނޑައަޅާފައިވާ އަގަކީ 700 އެމަރިކާ ޑޮލަރެވެ.

ސަރުކާރުގެ ހަފުތާ 14ގެ ދަށުން އައްޑޫ ސިޓީގެ ފަތުރުވެރިކަން ތަރައްގީކުރުމަށް މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވަލޮޕްމެންޓް ޕްލޭން" ވެސް ތައާރަފް ކޮށްފައި ވެއެވެ.

އައްޑޫގައި ކުރިން ހިންގި އަދި މިހާރު އޮޕަރޭޝަން ހުއްޓިފައި އޮތް ޝަންގްރިލާ ވިލިނގިލި ރިސޯޓްގެ ހިދުމަތް އަލުން ފެށުމަށާއި ސީޕްލޭން ހަބެއް ގާއިމުކުރުމަށް އެ ޕްލޭންގައި ހިމަނާފައިވާއިރު ޓޫރިޒަމް މިނިސްޓްރީއިން ބުނީ އެ ޕްލޭން ފަރުމާކޮށްފައިވަނީ އެ ސިޓީގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމުގެ އިތުރުން އައްޑޫގެ އިގުތިސާދަށް މަންފާވާ ގޮތަށް ކަމަށެވެ.

އަދި ހަމައެހެންމެ ކަލްޗަރަލް ވިލެޖަކާއި ވެލްނެސް ޒޯންތަކާއި ހޮސްޕިޓާލިޓީ ސްކޫލެއް އެޅުމުގެ އިތުރުން ކަނޑުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ކަނޑަޅަން އެ ޕްލޭންގައި ވަނީ ހިމަނާފައެވެ. އެ ފްލޭންގެ ދަށުން ސަރުކާރުގެ ވައުދާ އެއްގޮތަށް އެސިޓީގައި 6000 އެނދު ތަރައްގީކުރާއިރު 10،000 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.