އެއީ ރާއްޖޭގެ އަތޮޅުތަކުގައި ބޭންކް އޮފް މޯލްޑިވްސްގެ ހިދުމަތް ތައާރަފުވަމުން ދިޔަ ދުވަސްވަރެވެ. ބީއެމްއެލް އިން އެ ބްރާންޗުތަކުގައި މަސައްކަތް ކުރުމަށް މުވައްޒަފުން ހޯދަމުން ދިޔަ އެ ދުވަސްވަރު އައްޑޫ ސިޓީ މީދޫ އަށް އުފަން މަރްޔަމް ޝަޒްލީން (ޝަޒު) ވެސް ބޭނުންވީ އުފަން ރަށަށް ހިދުމަތް ކުރާނެ ފުރުސަތެކެވެ.

ބީއެމްއެލްގެ މަސައްކަތާ ޝަޒު ގުޅުނީ 1998 ވަނަ އަހަރު ބީއެމްއެލް ހުޅުމީދޫ ބްރާންޗް ހުޅުވުމަށް ވަމުން ދިޔަ ތައްޔާރީތަކުގެ ތެރެއިންނެވެ. އެންމެ ފުރަަތަމަ ޝަޒު މަސައްކަތްކުރަން ޖެހުނީ ބީއެމްއެލް ހިތަދޫ ބްރާންޗާގައެވެ. ބީއެމްއެލް ހުޅުމީދޫ ބްރާންޗު ހުޅުވޭނެ ދުވަހެއްގެ އިންތިޒާރުގައި ރަށުން ބޭރުގައި ވަޒީފާ އަދާކުރަން ޖެހިފައިވުމާއެކު ދެން ޝަޒު އަމިއްލައަށް މާލޭގެ ބްރާންޗަކަށް ބަދަލުވެ މާލޭގައި ޝައުޤުވެރިކަމާއެކު މަސައްކަތް ކުރަން ފެށިއެވެ. އެހެންނަމަވެސް ހުޅުމީދޫ ބްރާންޗު ހުޅުވުން ލަސްވުމާ ގުޅިގެން، 2003 ވަނަ އަހަރު ބީއެމްއެލް އިން ވަކިވުމަށް ޝަޒު ނިންމިއެވެ.

މަރްޔަމް ޝަޒްލީން

ވަޒީފާއިން ވަކިވުމަށް ސިޓީ ހުށަހެޅުމަށްފަހު ޝަޒުގެ ދިރިއުޅުން މީދޫއަށް ބަދަލުކުރީ ދެން އިތުރަށް ބީއެމްއެލްގައި މަސައްކަތް ކުރާނެ ފުރުސަތެއް ލިބިދާނެކަމަކަށް ނޫނެވެ. އެހެންނަމަވެސް އޭނާގެ ނަސީބު ވަރަށް ރަނގަޅެވެ. ޝަޒު ރަށަށް ބަދަލުވި ދުވަސްކޮޅު ބީއެމްއެލް ހުޅުމީދޫ ބްރާންޗު ހުޅުވި އަނެއްކާވެސް އަލުން ބޭންކުން ވަޒީފާ ލިބިގެން ދިއުންވެގެން ދިޔައީ އަނެއްކާވެސް ރަށަށް ހިދުމަތްކުރުމަށް ލިބުނު އުއްމީދަކަށެވެ. ބީއެމްއެލް ހުޅުމީދޫ ބްރާންޗުގައި މަސައްކަތްކުރަން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވެ އޮފިސާ ލެވެލް އަށް ޕްރޮމޯޓްވެ ބްރާންޗް ހިންގުމުގެ ދާއިރާގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.

މަރްޔަމް ޝަޒްލީން

ބީއެމްއެލް ހުޅުމީދޫ ބްރާންޗުގައި ކުރަން ފެށި މަސައްކަތަށް ޝަޒުގެ ހުރިހާ ވަގުތެއް ހުސްކޮށްލިއިރު ވަޒީފާގެ ކުރިއެރުމަށް ބޭނުންވާ އިތުރު ތަމްރީނުތައް ހޯދުމަށް ވެސް ބޭނުންވިއެވެ. އެހެންނަމަވެސް އެ ފުރުސަތު ރަށުން ލިބެން ނެތުމުން އަނެއްކާވެސް ޝަޒު ބަދަލުވާންޖެހުނީ މާލެއަށެވެ. މާލެއަށް ބަދަލުވެ އެންމެ ފުރަތަމަ އޮފިސަރު ލެވެލްގެ މަސައްކަތުން ފެށި ނަމަވެސް، ޝަޒުގެ ޝައުޤުވެރިކަމާއި މަސައްކަތަށް ބަހަށްޓާ ފަރުވާތެރިކަމުގެ ސަބަބުން މަޖީދީމަގު ބްރާންޗުގެ މެނޭޖަރުކަމުގެ އިތުރުން ބީއެމްއެލް ލައިޓްގެ މެނޭޖަރުކަން ކުރުމުގެ ފުރުސަތުވެސް ލިބިގެން ދިޔައެވެ. މީގެ އިތުރުން ބީއެމްއެލް މާފުށި ބްރާންޗު ހުޅުވުމުގެ މަސައްކަތުގައިވެސް ޝަޒުގެ ހިއްސާ އޮތްކަން ފާހަގަކޮށްލަމެވެ. މާފުށި ބްރާންޗު ހުޅުވި ވަގުތު އެބްރާންޗުގެ ސްޓާފުންނާ ތަނާ ޙަވާލުވެ ހުރި އިސް ފަރާތަކަށް ބޭންކުން ތަނާ ޙަވާލުވެ ހުރީ ޝަޒުއެވެ. މާލޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރުމަށް ފަހު ހުޅުމީދޫ ބޭންކު ހިންގުމާ ހަވާލުވެ ޝަޒު ރަށަށް އަނެއްކާވެސް ބަދަލުވުން ވެގެން ދިޔައީ އޭނާގެ ޝައުގުވެރިކަން ހުއްޓިފައިވާ އިޖްތިމާއީ މަސައްކަތް ކުރުމަށްވެސް ލިބުނު ފުރުސަތަކަށެވެ.

މަރްޔަމް ޝަޒްލީން

އަންހެނުން ބާރުވެރިކޮށް އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް މީދޫގައި މީދޫ އެކުވެރިންގެ ޗޭނު ގެ ނަމުގައި ޖަމިއްޔާއެއް ވުޖޫދަށް ގެނައުމަށް އޭރު ކުރެވުނު މަސައްކަތުގައި އެ ޖަމިއްޔާގެ ރައިސާ ޝައްފާފު ރިޒުވާން އާއި އެކު ޝަޒު ވަނީ ބުރަ މަސައްކަތެއްކޮށްފައެވެ. އެ ޖަމިއްޔާ އުފެދުނު ދުވަހުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ޗޭނު ޖަމްޢިއްޔާގެ ނާއިބު ރައިސާގެ މަގާމު އަދާކުރި ޝަޒު ބުނީ އަބަދުވެސް ރަށުގެ ތަރައްގީ އާއި ކުރިއެރުމަށްޓަކައި އެންމެން ގުޅިގެން ކުރާ މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ކަމަށެވެ.

މަރްޔަމް ޝަޒްލީން

މިހާރު އައްޑޫ ސިޓީއަށް ރަޖިސްޓަރީ ކުރެވިފައިވީ ނަމަވެސް ރާއްޖޭގެ އެކިހިސާބުތަކުން މެންބަރުން ހިމެނޭ, އަދަބީ ޖަމިއްޔާއެއްކަމުގައި ޝާއިރުންގެ ވާދީގައި މަސައްކަތްކުރަމުންދާ ޝަޒު ބުނީ އެ ޖަމިއްޔާ އާއި ގުޅުމުގެ ޝައުގުވެރިކަން އުފެދުނީ ޝާއިރުންގެ ވާދީން އަމިއްލައަށް ހަދާފައިވާ ރީތި ލަވަތަކެއް ގޭތެރެއިން އަޑުއިވިގެން ކަމަށެވެ. "ކޮވިޑުގެ ޢާލަމީ ވަބާގެ ތެރޭގައި ދައްތަ މާ ރީތި ލަވަތަކެއް ކިޔާތީ އެ މައުލޫމާތު އަހާލީމަ އެގުނީ މިއީ ޝާއިރުންގެ ވާދީގެ އަމިއްލަ އުފެއްދުންތައް ކަން. އެހާ ހިސާބުން އެކަމަށް ޝައުގުވެރިކަން އުފެދި ދައްތަ ކައިރީ ބުނެގެން، ޝާއިރުންގެ ވާދީގެ ބާނީ ލަބީބު ސާ ޝަޒު އެ ގުރޫޕަށް ވެއްދީ. އެ ދުވަހުން ފެށިގެން މި މަސައްކަތް ކުރަނީ ޝާއިރުންގެ ވާދީގައި" ޝަޒު ބުންޏެވެ.

މަރްޔަމް ޝަޒްލީން

ދިވެހި އަދަބާ، ސަގާފަތާ، ތާރީހާ އާދަކާދަ ދިރުވައި އާލާކޮށް އެރޮނގުން މީހުން ބިނާކުރުމަށް އުފައްދާފައިވާ ޝާއިރުންގެ ވާދީއަށް ޝަޒުގެ ގިނަ ވަގުތު ހުސްކޮށްލާފައިވާއިރު ޝަޒު ބުނީ އެ ޖަމިއްޔާގެ ކުރިއެރުމަށް ޝަޒު އަބަދުވެސް މަސައްކަތް ކުރާނެކަމަށެވެ. މިހާރުވެސް ޝާއިރުންގެ ވާދީން ކޮށްފައިވާ ކާމިޔާބު މަސައްކަތްތައް ހިއްސާކުރަމުން ޝަޒު ބުނީ އެ ޖަމިއްޔާގެ އަހަރީ ދުވަހާ ގުޅިގެން ނެރުނު 12 ޅެންފޮތް އައްޑޫގެ ސްކޫލުތަކަށްވަނީ ހަދިޔާކޮށްފައެވެ. މީގެ އިތުރުން ދިވެހި ގައުމިއްޔަތު އާލާކޮށް ދިރިވުމުގެ ދުވަހާ ގުޅިގެން ވެސް ޖަމްޢިއްޔާއިން ވަނީ ތަފާތު 6 ފޮތެއް ނެރެފައެވެ. މިފަދަ އެހެނިހެން ދުވަސްތައް ފާހަގަކުރުމުގައި ޝާއިރުންގެ ވާދީއިން ކުރާ މަސައްކަތުގައި ޝަޒުގެ ބައިވެރިވުން ބޮޑެވެ.

މަރްޔަމް ޝަޒްލީން ލިޔެފައިވާ ޅެން ފޮތް

އަބަދުވެސް ކޮންމެ މީހަކަށްވެސް ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާ ކުރާ ޝަޒުގެ ބޭންކުގެ ޚިދުމަތުގެ ދިގު މުއްދަތުގެ ތެރޭގައި 2014 ވަނަ އަހަރު އެކްސެޕްޝަނަލް ކަސްޓަމާ ސާވިސް އެވޯޑް ލިބިފައިވާއިރު 2018 ވަނަ އަހަރު ބެސްޓް އެޓޯލް ސްޓާފްގެ އެވޯޑަށްވެސް ޝަޒުވަނީ ނޮމިނޭޓްވެފައެވެ. މީގެ އިތުރުން ދިގު މުއްދަތަށް ބޭންކަށް ޚިދުމަތް ކުރުމުގެ އެވޯޑު ދެފަހަރެއްގެ މަތިން ލިބިފައިވާ ޝަޒު ގަބޫލުކުރާ ގޮތުން ޝަޒުގެ އެންމެ ބޮޑު ކާމިޔާބީއަކީ ޝަޒު ފަދަ އިޚުލާޞްތެރި މުއައްޒަފުންގެ މަސައްކަތާމެދު މެނޭޖްމެންޓުން އޮންނަ ޔަގީންކަމާއި އިތުބާރާއެކު ވަޒީފާގައި ކުރިޔަށް ދިޔުމުގައި މެނޭޖުމެންޓުން ލިބެމުންދާ ސަޕޯޓެވެ.