އައްޑޫ ސިޓީގެ ކަރަންޓްގެ ހިދުމަތް ހުއްޓިފައި އޮތުމަކީ ފެނަކައާ އަޅުވައި ދޫކުރެވިދާނެ ކަމެއް ނޫން ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މޭޔަރު ވިދާޅުވީ އައްޑޫގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހާލަތު ވަނީ ކަންބޮޑުވުން އޮތް މިންވަރަށް ނިކަމެތިވެ، މަރާމާތާއި އަޕްގުރޭޑިން އަށް ބޭނުންވެފައި ކަމަށެވެ. އަދި ރަށުތެރެއަށް ނަޖިސް ބޭރުވަމުންދާ ކަމަށާއި 2 ގަޑިއިރަށް ބޭނުން ކުރެވޭ މިންވަރަށް ވެސް ފެނުގެ ރިޒާވް ނެތް ކަމަށް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ ކަރަންޓް ދިނުން މިހާރުވެސް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި އެ ހިދުމަތްތަކަކީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތަކެއް ކަމަށެވެ. އަދި އެއީ ފެނަކައާ އަޅުވައި ދޫކުރެވިދާނެ ކަމެއްނޫން ކަމަށް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު އިތުރަށް ވިދާޅުވީ މިކަމަކީ ވިޔަފާރި އުސޫލުން ދެވެންޖެހޭނެ ހިދުމަތެއްވެސް ނޫން ކަމަށާއި މިކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ އައްޑޫގެ ރައްޔިތުން ކާރިސާ ގެ ހާލަތުގައި ދިގުމުއްދަތަކަށް ތިބެންޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
ފެނަކައިން އައްޑޫގެ ރައްޔިތުންނަށް އެންގި އެންގުމުގައި ބުނެފައިވަނީ އައްޑޫ ސިޓީއަށް ކަރަންޓް ދެމުން އަންނަ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދުން ފެށިގެން އެ މައްސަލަ ހައްލު ކުރެވެންދެން މެންދުރުފަހު 1 އިން ރޭގަނޑު 7 ޖެހުމާ ދެމެދުގެ ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ގަޑިއެއްހާއިރަށް ކަރަންޓް ކެނޑާލެވޭނެ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރެވެން ގާތްގަނޑަކަށް 7 ނުވަތަ 8 ދުވަސް ހޭދަވާނެ ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.
ފެނަކައިން ވަނީ އެ ދުވަސްތަކުގައި ވީހާވެސް މަދުން ކަރަންޓް ބޭނުން ކުރުމަށްވެސް އެދިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގޮތަށް ކަރަންޓް ކަނޑާލަން ޖެހެނީ ބެކަޕް ޖަނަރޭޓަރު ސެޓެއް ނެތުމުންނެވެ.