ރަމަޟާން މަސް ފެށޭއިރު އަސާސީ ހުރިހާ ކާބޯތަކެތި އެސްޓީއޯ މެދުވެރިކޮށް އަގު ހެޔޮކޮށް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އާންމުންގެ މީހަކު އެދުނު ކަމަކަށް ޖަވާބުދެއްވަމުންނެވެ. އެ މީހާ ވަނީ ހާއްސަކޮށް ރޯދަ މަހުގައި ވީހާވެސް އަގުހެޔޮކޮށް ކާބޯތަކެތި ހުރިހާ ރައްޔިތުންނަށްވެސް ލިބޭނެ ގޮތެއް ހައްދަވައިދެއްވުމަށް އެދިފައެވެ.
އެެއާއެކު ރައީސް ވިދާޅުވީ ކާބޯތަކެތީގެ އަގު ހެޔޮ ކުރުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދޭ ކަމެއް ކަމަށާއި ރަމަޟާން މަސް ފެށިގެންދާއިރު އެންމެ އަސާސީ ހުރިހާ ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ގެނެވި، އަގުހެޔޮ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މިހާރުވެސް އަގުހެޔޮކޮށް ވިއްކަން ފަށާފައިވާ ކަމަށާއި އަދިވެސް ކާބޯތަކެތީގެ އަގު ހެޔޮ ކުރުމަށްޓަކައި އިތުރު މަސައްކަތްތައް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް މުސްތަގުބަލުގައި މެދު ރާސްތާ އަދި ދުރު ރާސްތާގެޕްލޭން އަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތްތަކެއް ކާބޯތަކެތި ރާއްޖޭގައި އުފެއްދޭ ގޮތް ގާއިމުކޮށް، ފުޑް ސެކިއުރިޓީ ޔަގީންކުރުން ކަމަށެވެ. އެއާއެކު ކާބޯތަކެތީގެ އަގުވެސް ދައްވެގެން ދާނެ ކަމަށާއި ފުޑް ސެކިއުރިޓީ ޔަގީންވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކާބޯތަކެތީގެ އަގުތައް އެއް އަގެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފިޔާގެ އަގު ބޮޑު ވިޔަ ނުދީ ހިފެހެއްޓުމަށް އެސްޓީއޯއިން ވަނީ ވަރަށް ކުރިއާލާ އެކަމުގެ މަސައްކަތް ފަށާފައެވެ.