މާލޭ ވިޔަފާރި ބަނދަރަށް ރާއްޖެއިން ބޭރުން ގެންނަ މުދާ ދުވަހުން ދުވަހަށް ދޫކުރެވޭނެ އިންޒިތާމުތައް ހަމަޖައްސާފައި ވާ ކަމަށާއި މުދާ ގެންދަން ކޮންމެ ދުވަހަކު ވިޔަފާރިވެރިންނަށް ގުޅަމުން ދާ ކަމަށް އެމްޕީއެލްއިން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ، އެމްޕީއެލް ސަރަހައްދަކީ ޖާގައިގެ ގޮތުން ދަތި ސަރަހައްދެއް ކަމަށާއި ރާއްޖެ އަންނަ މުދާ ސަރަހައްދުގައި ހުންނަ ނަމަ ސަރަހައްދު ދާނީ ފުރެމުން ކަމަށެވެ.
ބައެއް ފަހަރު ވިޔަފާރިވެރިން މުދާ ނުނެރެ ނުވަތަ ނެރެގެން ގެންގޮސް ވައްދަން ހުންނަ [ވިޔަފާރިވެރިންގެ ގުދަންތައް] ފުރިފައި ހުރެގެން ނަމަވެސް މުދާ ގެންދިޔުން ލަސް ކުރާ ކަމަށާއި އެ ފުރުސަތު ނިދިނުމަށް މިހާރު ވަގުތުން ވަގުތަށް މުދާ ކްލިއާ ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ވާ ކަމަށެވެ.
ނަމަވެސް ބައެއް ފަހަރު މުދާ ކްލިއާ ކުރުން ބައެއް ފަރާތްތަކުން ލަސް ކޮށްލާ ކަމަށާއި އެހެން ހަދަނީ ބާޒާރުގައި މުދަލުގެ ޑިމާންޑް ބޮޑުވީމައި ނެރެން ކަމަށް ގަބޫލުކުރެއްވުނު ނަމަވެސް މިހާރު އެފުރުސަތު އެމްޕީއެލްއިން ނުދޭނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރޯދަ މަސް ކަހަލަ މަސްތަކުގައި މުދަލުގެ އަގު ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި ޕެރިޝަބަލް ކާގޯ އިން ނަގާ ޗާޖުން ކޮންމެވެސް މިންވަރެއް ކުޑަކޮށްދެވިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެކަމާ ގުޅޭގޮތުން އެކި އިދާރާތަކާއެކު މަޝްވަރާތަކެއް ކުރެވުނު ނަމަވެސް މާކެޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ވިއްކާ އަގުތަކަށް ބަދަލު ތަކެއް ނުގެންނަ ނަމަ އެކަމުން ނަތީޖާއެއް ނުނިކުންނާނެ ކަމަށެވެ.
"އަޅުގަނޑުމެން އަގު ހެޔޮ ކޮށްދިނަސް މާކެޓުގައި އަގު ހެޔޮވާނެ ކަމަކަށް ނުބެލެވޭ" ވަޖީހު ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ، މުދާ ކްލިއާ ނުކޮށް ލަސްވިޔަ ނުދިނުމަށް އިންތިޒާމުތައް ހަމަޖައްސަވާ ބޯޓު އަންނަ އިރަށް މުދާ ބޭރު ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.