ރާއްޖެއަށް މުދާ ގެންނަ ބޯޓު ފަހަރަށް ކޮންޓެއިނާ އަރުވާ ބޭލުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ރުފިޔާއިން ނަގަމުން ދާ ޗާޖްތައް އެޕްރީލް 1، 2024 އިން ފެށިގެން ނަގާނީ އެމެރިކާ ޑޮލަރުން ކަމަށް އެކުންފުނިން ބުނެފިއެވެ.
އެމްޕީއެލް އިން ބުނީ، އެކުންފުނިން ބޯޓު ފަރަށް ދޭ ހިދުމަތަކީ ކޮންޓެއިނާ އަރުވާ ބޭލުން ކަމަށް ވާއިރު މީގެ ޒަމާންތަކެއް ކުރިން ޑޮލަރުން ނަގަމުން އައި ޗާޖް ފަހުން ރުފިޔާއިން ނަގަމުން ދިޔަ ކަމަށާއި އެކަން އެގޮތަށް ކުރަމުން ދިޔަ އިރު ފްރައިޓް ފޯވާޑަރުން ކޮންޓެރިނާގެ އަގު ބޭރުގެ ސަޕްލަޔަރުންނަށް ދައްކަމުން ދަނީ ޑޮލަރުން ކަމަށެވެ. އެގޮތަށް އަގު ދައްކަމުން ދާ އިރު އެމްޕީއެލްއަށް ދައްކަން ޖެހޭ ޗާޖްވެސް ގިނަ ފަހަރަށް އެޖެންޓުން ހުންނަނީ ޓީޓީ ހަދާ އިރު ރާއްޖެއިން ބޭރަށް ފޮނުވާފައި ކަމަށެވެ.
އެމްޕީއެލްގެ ސީއެފްއޯ މުހައްމަދު މުއިއްޒު ވިދާޅުވީ އެޕްރީލް 1 އިން ފެށިގެން އެ ޖެންޓުން އަތުން ޗާޖް ނެގުމުގައި އެ ބަދަލު ގެނައި ނަމަވެސް ދިވެހި ވިޔަފާރިވެރިން އެމްޕީއެލް އިން ހޯދާ އެއްވެސް ހިދުމަތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އެ ކަން ހިނގާނީ މިހާރުވެސް އޮތް ގޮތަށް ރުފިޔާއިން ކަމަށާއި ޗާޖަކަށް ވެސް އިތުރު ބަދަލެއް ނާންނާނެ ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ އެއާޕޯޓުގަވެސް އަދި ރާއްޖެއާ ކައިރި އެހެން ގައުމުތަކުގެ ބަނދަރުތަކުގައި ވެސް އެ ޗާޖް ނަގަނީ ޑޮލަރުން ކަމަަށާއި ރާއްޖޭގައި ވެސް އަލުން އެކަން އެގޮތަށް ކުރަން ނިންމީ ކަމަށެވެ.
އެމްޕީއެލް އަކީ ރާއްޖެ އެތެރެވާ މުދާ ހޭންޑަލް ކުރުމުގެ މައި މަސައްކަތް ކުރާ ކުންފުނި ކަމަށް ވާ އިރު، އެ ކުންޏަށް އާމްދަނީ ލިބޭ ހަމައެކި މަސައްކަތަކީ ކޮންޓެއިނާ ހޭންޑަލް ކުރުން ކަމަށް ވާއިރު އެ ކުންފުނިން މިހާރު ވަނީ ވިޔަފާރި ފުޅާކޮށް އާދާއިރާތަކަށް އިންވެސްޓް ކުރުމަށް ނިންމާފައެވެ. އޭގެ ތެރެއިން ގިނަ މަސައްކަތަކީ އިގުތިސޯދީ ގޮތުން އިންގިލާބީ ބަދަލެއް އަންނާނެ މަސައްކަތްތަކެއް ކަމަށް ކުންފުނީގެ ސީއީއޯ ވަނީ ވިދާޅުވެފައެވެ.
އެމްޕީއެލް އިން ކޮންޓެއިނާ ހޭންޑަލް ކުރުމުގެ މަސައްކަތް ކުރަމުން ދާ އިރު، ޖާގައިގެ ދަތިކަމާ ހުރެ މިވަގުތަށް 2500 ކޮންޓެއިނާ ހޭންޑަލް ކުރެވުނު ނަމަވެސް ބަނދަރުގެ ޖާގައަށް ގެނައި ބައެއް ބަދަލުތަކާ އެކު މިހާރު ވަނީ އެ އަދަދު 3000 އަށް އިތުރު ކުރެވޭނެ ގޮތް ހަދާފައެވެ. މީގެ އިތުރުން އާ މެނޭޖްމަންޓުން މިހާރު ދަނީ ބަނދަރު ސަރަހައްދުގައި ކޮންޓެއިނާ މެނޭޖް ކުރަމުން ދާ ސަރަހައްދުގައި ދެބުރިއަށް ކޮންޓެއިނާ ބެހެއްޓޭނެ ގޮތް ހަދާ ޖުމްލަ އަދަދު 3500 އަށް އިތުރުވާނެ ގޮތަށް ތަރުތީބު ކުރަމުންނެވެ.