ޓެކްސީ ޑްރައިވަރުންނާ މެދު އާންމުންގެ ޝަކުވާ އިތުރުވުމާ ގުޅިގެން ވެލާނާ އެއާޕޯޓުގައި ހާއްސަ ބޯޑުތަކެއް ބަހައްޓައިފިއެވެ.

ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް ޓެކްސީ ހިދުމަތުގެ އަގު ކޮންޓްރޯލް ކޮށްފައި އޮތުމުން، އާމްދަނީއަށް ނުރަނގަޅު އަސަރުތަކެއް ކުރާ ކަމަށް ޓެކްސީ ޑްރައިވަރުން ކުރަމުންދިޔަ ޝަކުވާތަކާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ދަތުރަކަށް ނަގާ ފީ ބޮޑުކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުއެވެ.

އެފަހަރު ކޮންމެ ދަތުރަކުން 5 ރުފިޔާ އާއި 20 ރުފިޔާ އާ ދެމެދުގެ އަދަދެއް ސަރުކާރުން ބޮޑުކުރި އެވެ. އެގޮތުން ޓެކްސީގެ ފީއަށް ޓްރާންސްޕޯޓް މިނިސްޓްރީން ގެނައި ބަދަލު ތަކަކީ:

  • މާލެ، ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2 ގެ އެތެރޭގެ ދަތުރުތައް: 30ރ. (ކުރިން 25ރ.)
  • މާލެ - ހުޅުމާލެ ފޭސް1: 85ރ. (ކުރިން 75ރ.)
  • މާލެ - ހުޅުމާލެ ފޭސް2: 100ރ. (ކުރިން 90ރ.)
  • މާލެ - ހުޅުލެ: 70ރ. (ކުރިން 60ރ.)
  • ހުޅުލެ - ހުޅުމާލެ ފޭސް 1: 80ރ. (ކުރިން 60ރ.)
  • ހުޅުލެ - ހުޅުމާލެ ފޭސް 2: 85ރ.
  • ހުޅުމާލެ ފޭސް 1 - ފޭސް 2: 40ރ.

ނަމަވެސް ޓެކްސީ ޑްރައިވަރުން އަގު ނަގަނީ ސަރުކާރުން ޓެކްސީ ހިދުމަތުގެ އަގަށް ގެނައި ބަދަލާ އެއްގޮތަށް ނޫން ކަމަށައި އެއަށް ވުރެ އިތުރަށް ނަގަމުން ދާކަމަށް ބުނެ އާންމުން މިހާރުވެސް ދަނީ ޝަކުވާ ކުރަމުންނެވެ.

އެގޮތުން އެއާޕޯޓުގެ ދަތުރުތަކުގެ އަގަށް ޓެކްސީ ޑްރައިވަރުން ގެންނަ ބަދަލު [ހިތަށް އެރި ބަދަލެއް] ތަކުގެ ސަބަބުން އާންމުން ކުރަމުންދާ ޝަކުވާތައް ފަހަކަށް އައިސް އިތުރުވެފައިކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ޑްރައިވަރު ހިތްހަމަ ނުޖެހޭ މަންޒިލަކަށް ދާނަމަ ދަތުރު ނުނެގުމާއި ދާގީނާ އަރުވާ ނަމަ އިތުރު ރުފިޔާ ނެގުމުގެ އިތުރުން އާ ޑޮމެސްޓިކް ޓާމިނަލް އަށް ދާނަމަ އިތުރަށް ޗާޖު ކުރުން ހިމެނެއެވެ. އަދި ހަމައެހެންމެ އެއްފަހަރާ އެކި ދަތުރުތައް ނަގައިން ދަތުރު ކުރި ނަމަވެސް ކޮންމެ މީހެއްގެ އަތުން ރުފިޔާ ނަގާ މައްސަލައިގެ އަޑުތައް ވަނީ ގަދަވެފައެވެ.

އެ މައްސަލަތަކަށް ހައްލު ހޯދާ ދިނުމުގެ ގޮތުން އެއާޕޯޓުގައި މިވަނީ ދިވެހިބަހުންނާއި އިނގިރޭސި ބަހުން ލިޔެފައިވާ ބޯޑުތަކެއް ހަރުކޮށްފައެވެ. އެ ބޯޑުތަކުގައި ލިޔެފައިވަނީ "ވަކި ތަނަކަށް ދާން ޝަރުތުކޮށް ޓެކްސީ ދަތުރުކުރުން މަނާ" އަދި ހަމައެހެންމެ "ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ދަތުރުކުރުން މަނާ" މިފަދައިންނެވެ. އަދި އެފަދަ ކަމެއް ހިނގާނަމަ ވަގުތުން ފުލުހުންނަށް ރިޕޯޓު ކުރުމަށް އެދި މޯބައިލް ނަންބަރުވެސް ބޯޑުތަކުގައި ލިޔެފައި ވެއެވެ.

މީގެ އިތުރުންވެސް ސަރުކާރުން ޓެކްސީ ކުރުމަށް ކަނޑައަޅާފައިވާ ރޭޓްތައް ހިމެނޭ ބޯޑެއްވެސް ވަނީ ހަރުކޮށްފައެވެ. އެއާޕޯޓުން އެކި މަންޒިލްތަކަށް ދަތުރުކޮށްދޭ އަގުތައް ހިމަނާފައިވާ އެ ބޯޑުގައިވެސް ދިވެއްސާއި އިނގިރޭސިބަހުން ވަނީ ލިޔެފައެވެ.

މިއީ ޓެކްސީގެ އަގުތަކާ މެދު އާންމުންނާއި އެއާޕޯޓަށް އަންނަ ފަސިންޖަރުން އަހުލުވެރިކުރުމަށް ހަރުކޮށްފައިވާ ބޯޑުތަކަކަށް ވާއިރު ކަނޑައެޅިފައިވާ އަގަށްވުރެ އިތުރަށް ޓެކްސީ ޑްރައިވަރުން ރުފިޔާ ނަގާނަމަ ކަމާބެހޭ އިދާރާތަކަށް ރިޕޯޓު ކުރުމަކީ ފަރުދީ ޒިންމާއެކެވެ.