ނީލަން ފިހާރަތައް ހިންގާނެ ބިމެއް ހުޅުމާލެއިން ހަމަޖައްސާފައިވާ ކަމަށް ހައުސިންގް މިނިސްޓަރު އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މާލޭގައި ހިންގަމުން ދިޔަ ނީލަން ފިހާރަތަކުގައި އަލިފާން ރޯވުމާއެކު އެތަންތަން ހިންގާނެ ބިމެއް ހަމަޖައްސައިދެއްވާނެ ކަމަށް މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ހަފްތާ14" މަގުޗާޓުން ހާސިލްވެފައިވާ ކަންކަން ހިއްސާކުރުމަށް ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން ހައިދަރު ވިދާޅުވީ ނީލަން ފިހާރަތައް ހިންގާނެ ވަގުތީ ބިމެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯނުން ބިން ހަމަޖެހިފައިވާއިރު މިހާރު ކުރިއަށްދަނީ އިން ވަކިކުރުމާއި ފުރިހަމަ ކުރަން ޖެހޭ އެހެނިހެން ކަންކަމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކިހާ ބޮޑު ބިމެއްކަމާއި އަދި އެނޫންވެސް އިތުރު އެއްވެސް މައުލޫމާތެއް މިނިސްޓަރު ހިއްސާކުރައްވާފައި ނުވެއެވެ.

2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހާރަ އެއްކޮށް އަނދާ ހުލިވިއިރު އެތަނުގެ ކުރިމަތީގައި ހުރި މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކުގައި ވެސް ވަނީ އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާހުލިވެފައެވެ.

އެ ހާދިސާ ހިނގުމުގެ ކުރިން މިހާރުގެ ރައީސް މާލެ ސިޓީ މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު މާލޭގެ އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކުރަން މަސައްކަތް ކުރެއްވި ނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ދީފައި ނުވެއެވެ. އަދި ހަމައެހެންމެ ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި އެތަން ހިންގުމަށް ބިމެއް ހޯދަން މަސައްކަތް ކުރެއްވި ނަމަވެސް އޭރުގެ އެޗްޑީސީން ބިމެއް ނުދިނެވެ.

މީގެ ކުރިންވެސް ނީލަން ފިހާރައިގައި އެތައް ފަހަރަކު ވަނީ ރޯވެފައެވެ. އެގޮތުން 2015 އިން ފެށިގެން 2021 ގެ ނިޔަލަށް އެތަނުގައި އަލިފާނުގެ ގިނަ ހާދިސާތައް ހިނގާފައިވެއެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފޮރެންސިކް އެކްސްޕާޓުންތަކެެއް ރާއްޖެ ގެނެސް އެކަމުގައި އެއްވެސް ބަޔަކު އަޑީގައި ތިބިތޯ އާއި އަލިފާން ރޯކުރަނީ ގަސްދުގައިތޯ ބަލަން އެމީހުން ބައިވެރިވާނެ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައި ވެއެވެ.