އެމްޓީސީގެ ބޮޑު ދަރަންޏެއް އެބައޮތް ކަމަށާއި، އެމްޓީސީއާ ބެހޭ ގޮތުން މީޑިއާތަކަށް ކުރީގެ މެނޭޖްމަންޓުން ދީފައިވަނީ އެންމެ ރަނގަޅު މައުލޫމާތު ނޫންކަމަށް ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެއެވެ.

ޒިޔާދު މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެގޮތުން އާ މެނޭޖްމަންޓުން ހަވާލުވި އިރު މާލީ ހާލަތު އޮތީ ވަރަށް ދަށް ހާލަތެއްގައި ކަން ފާހަގަކުރައްވާ ޒިޔާދު ވަނީ އެމްޓީސީގެ ދަރަނި 954 މިލިއަނަށް އަރާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ކުންފުންޏަށް ލިބެން ޖެހޭ 1.7 ބިލިއަން ރުފިޔާ ނުލިބި އޮތްކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެމްޓީސީސީގެ ބައެއް މަޝްރޫތައް މިދޭތެރެއަކުން މަޑުޖެހިގެން ދިޔައީ ކުރީގެ މެނޭޖްމަންޓުން ބައެއް ކަންކަން ކޮށްފައި ހުރި ގޮތުން ކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ. އެމްޓީސީގެ މެނޭޖިން ޑިރެކްޓަރަކަށް އެންމެ ފަހުން ހުންނެވީ، މާލޭގެ މޭޔަރުކަމަށް ހޮވިވަޑައިގަތް އާދަމް އާޒިމެވެ.

މެޖޭންމަންޓުގެ ބައެއް ކަންކަން ފާހަގަ ކުރައްވަމުން މިއަދު ޒިޔާދު ވިދާޅުވީ, ހިންގުމުގެ ހަރަދުތައް ބޮޑުވުމާއި ހަރުމުދާ ބެލެހެއްޓުމުގައި އިހުމާލުވުންތަކެއް ހިނގާފައި ވާ ކަމަށެވެ. އަދި ބައެއް ޕްރޮޖެކްޓުތަކުގެ ހަދަރުތައް ބޮޑުތަނުން މައްޗަށް ގޮސްފައި ހުރި ކަމަށާއި ބައެއް ކަންކަން ކޮށްފައި ހުރި ގޮތުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއްވެސް ވެފައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"ހާއްސަ އޮޑިޓްތަކެއް މިދަނީ ކުރަމުން, ބައެއް އޮޑިޓްތައް ނިމިއްޖެ, އަދި އިތުރު އޮޑިޓްތައް ކުރިއަށް އެބަދޭ, އޮޑިޓަށް ފަހު ފާހަގަވާ މައްސަލަތަކުގައި އަޅަން ވާ ފިޔަވަޅުތައް ނިންމާ, އޭސީސީއަށް ފޮނުވަން ޖެހޭ ކޭސް އެއް އޮތް ނަމަ އެކަންވެސް ކުރާނަން"
ޒިޔާދު

ޒިޔާދު ވިދާޅުވީ ކުންފުނީގައި ހުރި މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލު ކުރުމަށް ފިޔަވަޅުތައް މިހާރު އަޅަން ފަށައިފައިވާ ކަމަށާއި ކުންފުންޏަށް ގެއްލުންވާ ގޮތައް ހުރި ހުރިހާ ކަމެއް ދެނެގަނެ ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ހަމައަކަށް އެޅުވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެމްޓީސީސީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

މިއަދުގެ ޕްރެސްގައި އެމްޓީސީސީގެ ޗީފް ފައިނޭންޝަލް އޮފިސާ (ސީއެފްއޯ) ހުސެއިން މުހައްމަދު މަނިކު ވިދާޅުވީ، ކުންފުނީގެ ވިޔަފާރި ޑައިވާސިފައި ކޮށް މަސްވެރިކަމުގެ ދާއިރާއަށް އިންވެސްޓް ކުރަން މަސްކަތްތައް ކުރަމުން ދާ ކަމަށާއި އަދި ޓޫރިޒަމްގެ ދާއިރާއަށް ވެސް ވަނުމަށް ވިސްނުން ހުރި ކަމަށެވެ. އޭނާ ވިދާޅުވީ, ވިޔާފާރި ޑައިވާސިފައި ކުރާއިރު ކުންފުންޏަށް ލިބޭ އާމްދަނީ ޑޮލަރުން ހޯދުމަކީ އެއް އަމާޒު ކަމަށާއި ޑޮލަރުން އާމްދަނީ ލިބޭ ޕްރޮޖެކްޓްތަކަށް ދިއުމުން, ކުންފުނިން ދައްކަން ޖެހޭ ދަރަނި ދެއްކުމަށް ވެސް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކުންފުނިން ކުރާ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ބޭނުންވާ ބޭރު ފައިސާ ލިބިގެން ދިޔުމަކީވެސް މިހާރު އޮތް ހާލަތު ރަނގަޅުކުރުމަށް އެޅޭނެ ފިޔަވަޅެއް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެމްޓީސީސީގެ ކުއާޓާލީ ރިޕޯޓުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ކުންފުނީގެ އާމްދަނީ 3.2 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި އެކުންފުނީގެ ސާފު ފައިދާ 130 މިލިއަން ރުފިޔާއަށް އަރާއިރު މިއީ 2022 ވަނަ އަހަރަށް ވުރެ 66 މިލިއަން ރުފިޔާ މަދު އަދަދެއްކަންވެސް ފާހަގަ ކުރެވެއެވެ.

މިއަދުގެ ޕްރެސްގައި އެމްޓީސީސީގެ ޕްރޮޖެކްޓް މެނޭޖަރު އަހުމަދު ލަތީފު ވިދާޅުވީ, އާ މެނޭޖްމަންޓް ހަވާލުވި ފަހުން ކުންފުންޏަށް 8 ޕްރޮޖެކްޓެއްގެ މަސައްކަތް އަލުން ފަށާފައި ވާ ކަމަށާއި 7 މަޝްރޫއެއް އަލަށް ކުންފުންނަށް ހޯދާފައި ވާ ކަމަށާއި އެއީ 360 މިލިއަން ރުފިޔާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ, އެމްޓީސީގެ އެންމެ މުހިންމު އެއް އެސެޓް ކަމުގައިވާ މަހާޖައްރާފު އޮތީ އާ މެނޭޖްމަންޓު އައި އިރު ގްރައުންޑް ވެފައި [މަސައްކަތް ނުކުރާ ހާލަތުގައި] ކަމަށާއި އެގޮތަށް އެ އުޅަނދު އޮންނަތާ އޭރު 20 މަސްދުވަސް ވެފައި ވާ ކަމަށެވެ. އޭގެ ސަބަބުން ކުންފުނިން ކުރިއަށް ގެންދާ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް ވާ ޑްރެޖިން [ބިން ހިއްކުމުގެ މަސައްކަތް] ބޮޑުތަނުން މަޑުޖެހިގެން ގޮސްފައި ވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޓީސީސީގެ ޕްރޮޖެކްޓުތަކުގެ 3 ބައި ކުޅަ 1 ބަޔަކީ ޑެރެޖިން މަސައްކަތް, މަހާޖައްރާފު ހުއްޓިފައި އޮތުމުން އެކަން ބޮޑުތަކުން ފަހަތަށް ދިޔަ, ދެން ހިމެނެނީ ލޮޖިސްޓިކްސް މަސައްކަތް, އެކަމަށް 5 ބާޖެއް އޮތް އިރު 3 އެތި އޮތީ މޫދު އަޑީގައި"
ޕްރޮޖެކްޓް މެނޭޖަރު

އޭނާ ވިދާޅުވީ އެ ބާޖުތައް އަޑިއަށް ގޮސްފައި ވަނީ ބަރުކޮށްފައި ހުރި 2000 ޓަނުގެ ހިލައާވެސް އެކުގައި ކަމަށާއި އޭގެ ތެރެއިން އެއް ބާޖު ތަންކޮޅެއް ތިލަ ހިސާބެއްގައި އޮތުމުން އެ އުޅަނދު ނެގުމުގެ މަސައްކަތް މިހާރު ކުރެވެމުން ދާ ކަމަށެވެ. އެ ބާޖުތަކުގެ ޖުމްލަ އަގަކީ 90 މިލިއަން ރުފިޔާއެވެ.

އިތުރަށް އޭނާ ވިދާޅުވީ, ގިނަ މަސައްކަތްތަކަކީ ބާޖު ބޭނުންކޮށްގެން އެއްތަނުން އަނެއްތަނަށް މުދާ އުފުލަން ޖެހޭ މަސައްކަތްތައް ކަމަށް ވާއިރު ބާޖުތައް އަޑިއަށް ގޮސްފައި ހުރުމުން ދިމާވަމުން ދިޔަ ދަތިތައް ފޫބެއްދުމަށް ކުންފުނިން ބޭރުން ބާޖު ކުއްޔަށް ހިފައިގެން ދިގު މުއްދަތަށް އެގްރީމަންޓް އާކުރަމުން ކުރަމުން ގޮސް ބާޖްގެ އަގަށް ވުރެ ބޮޑު ހަރަދު ކުލީގެ ގޮތުގައި ވެސް ހިނގާފައި ވާ ކަމަށެވެ.

ޕްރޮޖެކްޓުތަކާ ގުޅޭ އިތުރު ތަފްސީލު ދެއްވަމުން އޭނާ އިތުރަށް ވިދާޅުވީ މިދިޔަ މެނޭޖްމަންޓުން ހުއްދަ ހޯދަން ޖެހޭ ފަރާތްތަކުން ހުއްދަ ނުހޯދާ 200 މިލިއަނެއް ހާ ރުފިޔާގެ 15 މަޝްރޫއެއްވެސް ހިންގާފައި ވާ ކަމަށާއި މިހާރު އަލުން ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެމްޓީސީގެ އެންމެ މުހިންމު އެސެޓް ކަމަށް ވާ މަހާ ޖައްރާރުފެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުގެ އިތުރު ތަފްސީލު ދެއްވަމުން ސީއީއޯ ވިދާޅުވީ 92 ރަށެއްގައި 190 މަޝްރޫއު ހިންގާ އިރު, މަހާ ޖައްރާފު ބޭނުން ނުކުރެވުމުން ދިމާވި މައްސަލަ ބޮޑު ކަމަށާއި މަސައްކަތްތައް ސްޕީޑްގައި ކުރިއަށް ގެންދިޔުމަށް ލޯނެއް ނަގައިގެން އިތުރު ބާޖު ހޯދަން ނިންމާފައި ވާ ކަމަށެވެ.

"އެމްޓީސީސީގެ ޑްރެޖިން ފްލީޓުގައި 5 އެތި އޮތް އިރު މަސައްކަތް ކުރަނީ 1 އެތި, އަނެއް 4 ޑްރެޖަރު އޮތީ ރިޕެއާ, އެސެމްބްލިން ނުވަތަ އިމޮބަލައިޒް ކުރަން ޖެހޭ ހާލަތުގައި, ނަމަވެސް ބައެއް ޖައްރާފާ ކޮންޑިޝަނަށް ގެނެސް އެ ބޭނުން ކޮށްގެން ބައެއް މަސައްކަން މިހާރު ވަނީ ފެށިފައި, މަހާޖައްރާފު ޖޫން 8, 2022 އިން ފެށިގެން 20 މަސް ގްރާއުޑް ވެފަ, އެކަން އެހެން ވީ އެ އުޅަނދު ބަލަންވާ ވަރަށް ނުބަލައި މެއިންޓަނެންސް ނުކޮށް އޮތުމުން, 571 ދުވަސް ޑޮކްގައި އޮތް, އެއީ ގާތްގަނޑަކަށް 47 މިލިއަންރުފިޔާ ދިޔަ, އޭގެ ސަބަބުން ގާތްގަނޑަކަށް 510 މިލިއަން ރުފިޔާގެ މަސައްކަތުގެ ފުރުސަތުވެސް އަޅުގަނޑުމެނަށް ގެއްލިގެން ދިޔަ"
ޒިޔާދު

އެމްޓީސީގެ ހާލަތު ކުރިން އާންމުންނަށް އޮޅުންފިލުވައިދީފައި އޮތް ގޮތް ގޯސްކަން ހާމަ ކުރައްވައި ސީއީއޯ މިއަދު ވިދާޅުވީ, ކުންފުނީގެ މަސައްކަތްތައް އަލުން ތަރުތީބުކޮށް ކުރިއަށް އޮތް 6-8 މަސް ދުވަހުގެ ތެރޭގައި ހިންދެމިލުމަށް އަމާޒު ހިފާފައި ވާ ކަމަށެވެ.