ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކެދިކުޅުދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި މަޖިލީސް އިންތިހާބުގެ ކެމްޕެއިން ކުރެއްވިކަމަށް ތުހުމަތުކޮށް އެ ރަށު ކައުންސިލުން ނެރުނު ބަޔާން ނެގުމަށް ލޯކަލްސް ގަވަމެންޓް އޮތޯރިޓީ (އެލްޖޭއޭ) އިން ފޮނުވި ސިޓީ އަކީ ރައީސް އޮފީހުން އެލްޖީއޭއަށް ލިޔެ ދިން ސިޓީއެއް ކަމަށް ތުހުމަތުކޮށްފިއެވެ.

އްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެލްޖީއޭ އިން ކައުންސިލަށް ފޮނުވި ސިޓީއަކީ ރައީސް އޮފީހުން ޑްރާފްޓްކޮށް، ދަންވަރު ފޮނުވި ސިޓީއެއް ކަމަށެވެ. އަދި އޮފީސް ހުޅުވުމުގެ ކުރިން އެލްޖީއޭ އިން އެ ސިޓީ ކައުންސިލަށް ފޮނުވާފަ އޮތްކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ނިޔާޒު ވިދާޅުވީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާކަމަށާ އެކަން ކޮމިޓީއިން ބަލާނެކަމަށެވެ. އެލްޖީއޭ އިން ކައުންސިލުން ނެރުނު ބަޔާން ބާތިލްކުރަން އެންގުމާ ގުޅިގެން އެ މައްސަލަ ލާމަރުކަޒީ ކޮމިޓީން ބެލުމަށް ނިންމާފައިވާއިރު، މި ބަޔާނާ ގުޅިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އެލްޖީއޭ އިން ލޯކަލް ކައުންސިލްތަކަށް ފިޔަވަޅު އެޅުމަކީ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތަކާ ގުޅިގެން، ބާރުވެރިކޮށްގެން މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ކެދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސްގެ ރަސްމީ ދަތުރުފުޅެއްގައި އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި ކައުންސިލް އިދާރާތައް ބޭނުންކޮށްފައިވާކަމަށް ތުހުމަތުކޮށް އެކަން ކުށްވެރިކޮށްފައެވެ. އަދި ދައުލަތުގެ ވަސީލަތްތަކާއި ދައުލަތުގެ އިދާރާތަކުގެ ނަހަމަ ބޭނުން ހިފައިގެން ހިންގޭ އެފަދަ އަމަލުތަކުގެ ސަބުން ރައްޔިތުންގެ މެދުގައި ދައުލަތުގެ އިދާރާތަކަށް ކުރާ އިތުބާރަށް ވަރަށް ބޮޑަށް ބުރޫއަރާނެ ކަމަށް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މި ބަޔާނާ ގުޅިގެންއެލްޖީއޭއިން ނެރުނު ބަޔާނުގައި ބުނީ ލޯކަލް ކައުންސިލުތަކަކީ އާންމު ހިދުމަތްތައް ދިނުމާއި އެ ހިދުމަތްތައް ހިންގުމަށް ބޭނުންވާ ބާރުތައް ކަމަށްވާތީ ކައުންސިލުތަކުން ހިންގާ ހަރަކާތްތަކާއި ހިދުމަތްތައް ދޭންވާނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ ސިޔާސަތުތަކާއި ހާއްސަކޮށް ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތަކާ ނިންމާ ނިންމުންތަކާ ދެކޮޅަށް ކައުންސިލުތަކުން ބަޔާން ނެރުމަކީ ލިބިފައިވާ ގާނޫނީ ބާރެއް ނޫން ކަމަށެވެ.